ޔުނައިޓެޑް ވޯލްޑް ކޮލެޖް މޯލްޑިވްސް (ޔޫޑަބްލިއުސީ މޯލްޑިވްސް) ގެ ސްކޮލަޝިޕް ރާއްޖޭގެ ތިން ދަރިވަރަކަށް ދީފި އެވެ.
މިއީ އިންޑިޔާ އާއި ހޮންކޮންގް އަދި ކެނެޑާ އިންމަތީ ތަޢުލީމު ޙާޞިލު ކުރަން ލިބޭ ފުރުސަތެކެވެ.
މި އަހަރު ހުޅުވާލި ސްކޮލަޝިޕަށް ހޮވުނީ ނ. ކުޑަފަރީ ސްކޫލުން އޯ ލެވެލް ނިންމި އިޒް ޔާލާ ބިންތު އަލީ އާއި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުން އޯ ލެވެލް ނިންމި ޔަޒާން އަބްދުﷲ ޔަޒާންގެ އިތުރުން ތާޖުއްދީން ސްކޫލުން އޯ ލެވެލް ނިންމި ހައްވާ އިޝާ އެވެ.
މި ތިން ދަރިވަރުން ސްކޮލަޝިޕްގެ ދަށުން ކިޔަވާނީ އިންޑިއާގެ މަހިންދްރާ ޔުނައިޓެޑް ވޯލްޑް ކޮލެޖާއި ހޮންކޮންގުގެ ލީޕޯޗުން ޔުނައިޓެޑް ވޯލްޑް ކޮލެޖްގެ އިތުރުން ކެނެޑާގެ ޕިއާސަން ޔުނައިޓެޑް ވޯލްޑް ކޮލެޖުން އިންޓަނޭޝަނަލް ބެކަލޯރިއޭޓް (އައިބީ) ޑިޕްލޮމާއަށެވެ.
ޔޫޑަބްލިއުސީ (ޔުނައިޓެޑް ވޯލްޑް ކޮލެޖްސް) އަކީ ސުލްހައާއި ދެމެހެއްޓެނިވި މުސްތަގުބަލެއް ހޯދުމަށް އަމިއްލަ ފަރުދުންނާއި ގައުމުތަކާއި ސަގާފަތްތައް އެއްތަނަކަށް އެއްކޮށްލުމަށް ތައުލީމު ބޭނުންކުރާ ބައިނަލްއަގުވާމީ ހަރަކާތެކެވެ. އޭގެ ރާއްޖޭގެ ގޮފި ޔޫޑަބްލިއުސީ މޯލްޑިވްސް އުފެއްދީ 2001 ގަ އެވެ.
ޔޫޑަބްލިއުސީ ސްކޮލަޝިޕްގެ ދަށުން މިހާތަނަށް ރާއްޖޭގެ 67 ދަރިވަރަކު ކިޔަވާފައިވެ އެވެ.