Last Updated: July 6, 11:28
Monday, July 6, 2026
ޚަބަރު

ފެނަކަ ހިޔާނާތުގެ އެންމެންނަށް ފިޔަވަޅު އަޅަން ޖެހޭ

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި އެންމެ މީހަކަށް ގާނޫނު ހިންގުމުގެ ބަދަލުގައި މިކަމުގައި ޝާމިލުވާ އެންމެންނާއި މެދު އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އެ ކުންފުނި ހިންގެވި ދުވަސްވަރު ހިންގާފައި ހުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން އޮޑިޓު ރިޕޯޓަކުން އިއްޔެ ވަނީ ފަޅާއަރުވާލާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަރީފް ވިދާޅުވީ، އޭރު އޮތް އެމްޑީޕީ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދިޔަ މައްސަލަ، އޭރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނެވިން ކަމަށެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުން، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ވެސް އަދި މިނިވަން މުއައްސަސާއަކުން ވެސް އެ ކަންކަމަށް އަޅާނުލި ކަމަށް ޝަރީފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ފެނަކައިގެ އޭރުގެ އެމްޑީ އަހުމަދު ސައީދު މުހައްމަދަށް އެކަނި މިވަރުގެ ބޮޑެތި ވައްކަންތައް ނުކުރެވޭނެ ކަމަށެވެ.

"ވަރަށްގިނަ މީހުންނަށް ބައި އެޅިކަން މިހާރު މިދަނީ ފަޅާ އަރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން ދައުލަތުގެ ޒިންމާއަކަށް ވާންޖެހޭނީ، ހަމައެކަނި އެންމެ މީހަކަށް ގާނޫނު ހިންގުމުގެ ބަދަލުގައި މުޅި މައްސަލައިގެ އެންމެ އަޑިއަށް ފީނައި، މިކަމުގައި ޝާމިލުވާ އެންމެނާމެދު އިންސާފުވެރި ތަހުގީގެއް ހިންގައި، ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދިނުން ކަމަށްވެސް ވިދާޅުވި އެވެ. އަދި މިހާ ދުވަހު އެ މައްސަލައަށް އަޅާ ނުލައި ތިބި މުއައްސަސާތައް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

އަދި މި ގައުމު ސަލާމަތް ކުރެވޭނީ ކޮރަޕްޝަން މުލުން ލުހެލައިގެން ކަމަށްވެސް ވިދާޅުވި އެވެ.