ގެއަކަށް ވަދެ ހަޑި އެއްޗެހި ކިޔައި، މާރާމާރީ ހިންގި މައްސަލައިގައި ގދ. ތިނަދޫން ހައްޔަރުކުރި ޓިކްޓޮކް ފަންނާނު އައިމިނަތު ފޭޒްލީން ބަންދުން ދޫކޮށްލައިފި އެވެ.
ފޭޒްލީން ކޯޓަށް ހާޒިރު ކުރުމުން، ކަފާލާތުގެ ދަށުން އޭނާ ދޫކުރުމަށް 10 ގަޑިއިރުތެރޭ 10،000 ރުފިޔާ ކޯޓުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި އެ މުހުލަތުގެ ތެރޭގައި ފައިސާ ނުބެހެއްޓިއްޖެ ނަމަ 15 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް އަމުރުގައިވެ އެވެ.
ފުލުހުން ބުނީ އެ ފައިސާ ކޯޓަށް ދެއްކުމުން، ކަފާލާތުގެ ދަށުން އޭނާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ތިނަދޫ ލައިޓްއާގޭ، ފޭޒްލީން، 49، ފުލުހުން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރީ އިއްޔެ މެންދުރު ފަހު އެވެ. އެއީ މިދިޔަ ބުދަ ދިވަހުގެ ރޭ ތިނަދޫގައި ހުއްދަ ނެތި ގެއަކަަށް ވަދެ، އެ ގޭގައި ކުޑަކުދިންތަކެއް ވެސް ތިއްބައި، ހަޑި ހުތުރު ބަހުން ޒުވާބުކޮށް މާރާމާރީ ހިންގި މައްސަލައިގަ އެވެ.