Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

7 ޒޯނަކަށް ބަހާލައިގެން ބިދޭސީންގެ މައްސަލަ ހައްލުކުރާނެ

ރާއްޖެ ހަތް ޒޯނަކަށް ބަހާލައިގެން ބިދޭސީންގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ކޮންޓްރޯލާ ޖެނެރަލް އަޙްމަދް ފަޞީޙް ވިދާޅުވެއްޖެ އެވެ.

"އިމިގްރޭޝަން އިންސައިޓްސް" ގައި އޭނަ ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބިދޭސީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެންކަމުން 7 ޒޯނަކަށް ރާއްޖެ ބަހައިގެން އެންފޯސްމަންޓުގެ މަސައްކަތް ފުޅާ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

"މި މަސައްކަތަށް ބޭނުންވާ ވަސީލަތްތައް އަޅުގަނޑަށް ޔަގީން ސަރުކާރުން ފޯރުކޮށް ދޭނެކަން،" ފަސީހް ވިދާޅުވި އެވެ. "ލޯންޗުފަހަރު ހުރެގެން ރާއްޖޭގެ ދެކުނަށް އަދި އުތުރަށް ވެސް ސިސްޓަމެޓިކްކޮށް، ސަސްޓެއިނަބަލްކޮށް މި ޕްރޮގްރާމު ހިންގުމުގެ ވިސްނުން އަޅުގަނޑު އެބަހުރި. އަޅުގަނޑުމެންނަށް މިކަން ހަމަ ވާނެ."

ތަންފީޒު ނުވެ ހުރި ކަންކަން ތަންފީޒު ކުރެވެން ފެށުމާއެކު ރާއްޖޭގައި ޤަވާއިދާ ޚިލާފށް ނުވަތަ އެއްވެސް ލިޔެކިޔުމެއް ނެތި އުޅެމުން އަންނަ ބިދޭސީން މަދުވާނެ ކަމަށާއި މި މަސައްކަތުގެ މަގުސަދަކީ އާންމު ރައްޔިތުން ކުށްވެރިކުރުން ނޫން ކަަމަށް ކޮންޓްރޯލަރ ވިދާޅުވިއެވެ.

ފަސީހު ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީން ރާއްޖެ އަންނަނީ ވަރަށް ގިނަ ފައިސާތަކެއް ޚަރަދުކޮށްގެންކަން ކަމަށާއި ބިދޭސީ މަސައްކަތްތެރިންނަށް މަދުން ނަމަވެސް ދިވެހިން އިހުމާލުވާ މައްސަލަތައް ފާހަގަވެފައިވާ ކަމަށެވެ.

އޭނަ ވިދާޅުވީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެ މީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ފަށާފަވާ އިރު މި މަސައްކަތަށް ރަށްރަށުގެ ކައުންސިލްތަކުން އެއްބާރުލުން ވެސް ލިބޭ ކަމަށެވެ.

"އެބޭފުޅުން ބައްދަލު ކުރައްވަންވެސް ވަޑައިގަންނަވާ. ރަށްރަށުގަ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ވާހަކަ ކައުންސިލްތަކުން ދައްކާ،" ފަސީހު ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ އައު ބަޖެޓަކާއެކީ އައު އުސްމިންތަކަކަށް ތަންފީޒު ކުރުމުގެ މަރުހަލާގެ ކަންކަން ގެންނާނަން."

މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މަޢުލޫމާތު ހޯދައި، ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން 8،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޑީޕޯޓުކޮށްފައިވެ އެވެ.

ވަޒީފާ އަދާކުރުމަށް ބިދޭސީ މުވައްޒަފަކު ގެނައުމަށްފަހު އެފަރާތްތަކާ މެދު އިހުމާލުވާ ފަރާތްތައް މިހާރު އަންނަނީ ޖޫރިމަނާ ވެސް ކުރަމުންނެވެ.