Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

ޖޯންގެ 'ފޯސް 3' ގެ ޝޫޓިން ނޮވެމްބަރުގައި

ބޮލީވުޑްގެ ތަރި، ޖޯން އަބްރަހަމްގެ "ފޯސް" ފިލްމު ސީރީޒްގެ ތިން ވަނަ ބައިގެ ޝޫޓިން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ ޝޫޓިން ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްތާރީތައް ބާރަށް ކުރިއަށްދާ އިރު، މިހާރު ފިލްމަށް ބަތަލާ އެކު ވެސް ފައިނަލްކޮށްފައިވާ ކަމަށެވެ.

"ފޯސް 3" ގެ ބަތަލާއަކަށް ނަގާފައި ވަނީ ދެކުނުގެ ބަތަލާ މީނާކްޝީ ޗައުދަރީ، 28، އެވެ. އާންމުކޮށް ތެލެގޫ އާއި ތަމަޅަ ފިލްމުތައް ކުޅޭ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ތެލެގޫ އެކްޝަން ކޮމެޑީ "ސަންކްރަންތިކި ވަސްތުނަމް" އެވެ.

މީނާކްޝީ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ހިޓް: ދަ ސެކަންޑް ކޭސް" އާއި "ސިންގަޕޯ ސެލޫން" އަދި "ލަކީ ބާސްކަރް" ހިމެނެ އެވެ.

ޖޯން ވަރުގަދަ އެކްޝަން ރޯލެއް ކުޅޭ "ފޯސް" ފިލްމު ސީރީޒްގެ ތިން ވަނަ ބައިގެ ޑައިރެކްޓަރު ބަވް ދޫލިއާ އެވެ. އޭނަ ކުރިން އަޖޭ ދޭވްގަންގެ "ޑްރިޝަމް" އާއި ކުރީގެ އެކްޓަރު އިރުފާން ޚާންގެ "ފާން ސިންގް ތޯމަރް" ފަދަ ފިލްމުތަކުގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ.

"ފޯސް" ގެ ފުރަތަމަ ފިލްމު 2011 ގައި ގެނެސްދިނީ 2020 ގައި މަރުވެފައިވާ ނިޝިކާންތު ޑައިރެކްޓްކޮށެވެ. އޭގެ ބަތަލާ އަކީ ޖެނީލިއާ ޑި ސޫޒާ އެވެ. އަބިނޭ ޑިއޯ ޑައިރެކްޓްކޮށް، ސޮނާކްޝީ ސިންހާ ބަތަލާގެ ރޯލު ކުޅުނު "ފޯސް 2" ރިލީޒްކުރީ 2016 ގަ އެވެ.

ޖޯން މިހާރު ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ޒީ5 އިން ޕްރީމިއާކުރި ސްޕައި އެކްޝަން ތުރިލާ "ތެހެރާން" އެވެ.