Last Updated: July 6, 11:28
Monday, July 6, 2026
ޚަބަރު

އެމްޑީޕީއަކީ ވައްކަން ކުރުމުގެ ރެކޯޑު ހަދާ ޕާޓީއެއް

މެންބަރު އިބްރާހިމް ޝުޖާއު- ފޮޓޯ: ޕީއެންސީ

އެމްޑީޕީއަކީ ވައްކަން ކުރުމުގެ ރެކޯޑު ހަދާ ޕާޓީއެއް ކަމަށް، ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އެ ކުންފުނި ހިންގެވި ދުވަސްވަރު ހިންގާފައި ހުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން އޮޑިޓު ރިޕޯޓަކުން ފަޅާއަރުވާލުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ރެކޯޑް ހައްދާ ބައެއް ކަމަށާއި "ވައްކަމެއް ކުރިޔަސް، ލޫޓުވިޔަސް" އެމްޑީޕީއަކީ އެފަދަ ކޮންމެ ކަމަކަށް މާފުންނާބު އުސްބައެއް ކަމަށެވެ.

"އެމްޑީޕީން ކުރި ތާހިރު ވެރިކަން މިހިރަ ފެންނަނީ. ނުކުންނަ ރިޕޯޓްތަކުން ރައްޔިތުންނަށް އެނގި ހާމަ މިވަނީ އެމްޑީޕީ އަކީ ލޫޓުވުމާއި ވައްކަން ކުރުމުގެ ރެކޯޑް ހައްދަވާ ޕާޓީއެއްކަން.“ ޝުޖާއު ވިދާޅުވި އެވެ.

ފެނަކައިން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ މާލީ މުއާމަލާތްތަކާއި ގުޅޭ ތަފްސީލް ހިމަނާ އާންމުކޮށްފައިވާ ރިޕޯޓްގައިވާ ގޮތުން މި މުއްދަތުގައި ފެނަކައިން ވަނީ 2,239,640,958 (ދެ ބިލިއަން ދުއިސައްތަ ތިރީސް ނުވަ މިލިއަން ހަ ލައްކަ ސާޅީސް ހާސް ނުވަސަތޭކަ ފަންސާސް އަށެއް) ރުފިޔާގެ އެއްބަސްވުން ހަދައިފަ އެވެ. އޭގެ ތެރެއިން 1,373,126,496 (އެއް ބިލިއަން ތިން ސަތޭކަ ހަތްދިހަ ތިން މިިލިއަން އެއް ލައްކަ ސައްބީސް ހާސް ހަތަރު ސަތޭކަ ނުވަދިހަ ހައެއް) ރުފިޔާގެ މުދަލާއި ހިދުމަތް ހޯދުމަށް ހަވާލުކޮށްފައި ވަނީ އާންމު ބީލަމުގެ އުސޫލުން ބޭރުން ކަމަށް ވަނީ ބުނެފަ އެވެ.

އޮޑިޓްގައިވާ ގޮތުން އާންމު ބީލަމުގެ އުސޫލުން ބޭރުން ހޯދާފައިވާ މުދަލާއި ހިދުމަތްތަކަށް ބަލާއިރު 439 އެއްބަސްވުމެއްގެ ދަށުން ހޯދި މުދަލާއި ހިދުމަތް ހިމެނެ އެވެ. އެއީ ކަރަންޓް ކޭބަލް ގަތުމާއި ޖަނަރޭޓަރު ސެޓްތައް ގަތުމާއި ޓްރާސްފޯމަރު ގަތުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ އެކި މަސައްކަތްތައް ހެދި އެއްބަސްވުން ކަމަށް ވަނީ ބުނެފަ އެވެ.