Last Updated: July 6, 09:58
Monday, July 6, 2026
ޚަބަރު

ޝަރީފް، އެމްޑީޕީއަށް: ކޮރަޕްޝަންގެ ވާހަކަ ދެއްކުމުން ރުޅިގަދަ ނުވޭ

އާދަމް ޝަރީފް - ފޮޓޯ: ރައީސް އޮފީސް

ކޮރަޕްޝަންގެ ވާހަކަ ދެއްކުމުން މާބޮޑަށް ރުޅިގަދަ ނުވާން ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އެމްޑީޕީއަށް ގޮވާލައިފި އެވެ.

މިނިސްޓަރު ޝަރީފް މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އެ ކުންފުނި ހިންގެވި ދުވަސްވަރު ހިންގާފައި ހުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން އޮޑިޓު ރިޕޯޓަކުން ފަޅާއަރުވާލުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަރީފް ވިދާޅުވީ ކޮރަޕްޝަނާއި ދެކޮޅަށް އަބަދުވެސް މަސައްކަތްކޮށް، ވަކަލާތު ކުރައްވާ ކަމަށާއި އެއީ މިއަދު އެކަނި ކުރާ ކަމެއް ނޫން ކަމަށެވެ. އެގޮތުން މީގެކުރިން ރައްޔިތުންގެ މަޖިލީހުގައި ހުންނެވި ދުވަސްވަރު ވެސް ކޮރަޕްޝަނާއި ދެކޮޅަށް ވަކާލާތުކޮށްފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.

ފެނަކައިގެ ކޮރަޕްޝަނާއި ގުޅިގެން އޭރު މަޖިލީހަށް ގަރާރު ހުށަހެޅުމުން އެމްޑީޕީގައި އޭރު ތިއްބެވި ބައެއް މެމްބަރުން ވެސް އެކަމަށް ތާއީދުކުރެއްވި ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ކޮރަޕްޝަންގެ ވާހަކަ ދެއްކީމަ މާބޮޑަށް ރުޅިގަދަ ނުވޭ. ރުޅިގަދަ ވާނީ ކޮންމެވެސް ގޮތަކުން އެކަމުގެ ނާޖާއިޒު މަންފާ ކޮށްފައިވާ މީހުންނަށް ކަމަށް ގިނަ ބަޔަކު ދެކޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ފެނަކައިން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ މާލީ މުއާމަލާތްތަކާއި ގުޅޭ ތަފްސީލް ހިމަނާ އާންމުކޮށްފައިވާ ރިޕޯޓްގައިވާ ގޮތުން މި މުއްދަތުގައި ފެނަކައިން ވަނީ 2,239,640,958 (ދެ ބިލިއަން ދުއިސައްތަ ތިރީސް ނުވަ މިލިއަން ހަ ލައްކަ ސާޅީސް ހާސް ނުވަސަތޭކަ ފަންސާސް އަށެއް) ރުފިޔާގެ އެއްބަސްވުން ހަދައިފަ އެވެ. އޭގެ ތެރެއިން 1,373,126,496 (އެއް ބިލިއަން ތިން ސަތޭކަ ހަތްދިހަ ތިން މިިލިއަން އެއް ލައްކަ ސައްބީސް ހާސް ހަތަރު ސަތޭކަ ނުވަދިހަ ހައެއް) ރުފިޔާގެ މުދަލާއި ހިދުމަތް ހޯދުމަށް ހަވާލުކޮށްފައި ވަނީ އާންމު ބީލަމުގެ އުސޫލުން ބޭރުން ކަމަށް ވަނީ ބުނެފަ އެވެ.