މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މަޝްހޫރު ޓީވީ ޕްރެޒެންޓަރު އިނާޔަތު އަލީއާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން މިއަދު ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޕްރެޒެންޓަރެއް ކަމަށްވާ ހދ. ކުޅުދުއްފުށި، މަރިޔާޒް، އިނާޔަތު އަލީ، 34، އަލީ އާއި މއ. މަޒާގެ، މުހައްމަދު އައިޝް އަހުމަދު، 31، ގެ އިތުރުން މއ. މަޒާގެ، އާމިނަތު އިލްޔީން އަހުމަދު، 25، އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އައިޝްގެ ބަންދަށް 10 ދުވަސް އަދި އިލްޔީން އަހުމަދާއި އިނާޔަތު 7 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.