އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް އަދި ޗެލްސީން ކުޅުނު މެޗުތަކުން ބަލިވެއްޖެ އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލްގެ މޮޅުވުމުގެ ރެކޯޑު ނިމުމަކަށް އައީ ރަށުން ބޭރުގައި 2-1 އިން ކްރިސްޓަލް ޕެލަސް އަތުން ބަލިވުމުންނެވެ.
މެޗުގެ ނުވަ ވަނަ މިނިޓްގައި އިސްމާއިލާ ސާ، ޕެލަސް އަށް ލީޑުނަގައިދިންއިރު، މި ގޯލަށް ފަހު ވެސް ފުރަތަމަ ހާފުގައި ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ޕެލެސް އިން ތަނަވަސްކުރި އެވެ.
ލިވަޕޫލުން މެޗުގެ 87 ވަނަ މިނިޓްގައި، ފެޑެރީކޯ ކިއޭސާގެ ގޯލުން ނަތީޖާ އެއްވަރުކުރިއިރު، މި މެޗުން މޮޅުވި ގޯލު ޕެލެސްއަށް އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޑީ އެންކެޓިއާ އެވެ. ލިވަޕޫލުން ބަލިވުމުން، މި ފަހަރު ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ މިހާރު ޕެލަސް އެވެ.
ރަށުން ބޭރުގައި ކުޅެ މެންޗެސްޓާ ޔުނައިޓެޑުން ބްރެންޓްފޯޑު އަތުން ބަލިވީ 3-1 އިންނެވެ. އެގޮތުން މެޗުގެ 20 މިނިޓް ތެރޭ ބްރެންޓްފޯޑުން ދެ ގޯލުގެ ލީޑެއް ނެގިއިރު، މި ދެ ލަނޑު ވެސް ޖެހީ ބްރެޒިލްގެ ފޯވާޑް، އީގޯ ތިއާގޯ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެންޖަމިން ސެސްކޯ ވަނީ ޔުނައިޓެޑަށް ގޯލެއް ކާމިޔާބުކޮށްދީފަ އެވެ.
ދެވަނަ ހާފުގައި ނަތީޖާ އެއްވަރުކޮށްދޭން ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ބްރޫނޯ ފެނާންޑޭސް ފޮނުވާލި ޕެނަލްޓީ ބްރެންޓްފޯޑުގެ ކީޕަރު ކެލަހާ ވަނީ މަތަކޮށްފަ އެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބްރެންޓްފޯޑުގެ ފަހު ލަނޑު ޖެހީ، ކައުންޓަ އެޓޭކުގައި، މަޓިއަސް ޖެންސަން އެވެ.
ޗެލްސީން އަމިއްލަ ދަނޑުގައި 3-1 އިން ބްރައިޓަން އަތުން ބަލިވިއިރު، މި މެޗުގެ ފުރަތަމަ ހާފުގައި އެންޒޯ ފެނާންޑޭޒް ވަނީ ޗެލްސީއަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ޓްރެވާ ޗަލޯބާ އަށް ރަތް ކާޑެއް ދެއްކުމުން ޗެލްސީން މެޗުގެ ބާކީބައި ފުރިހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކު އެވެ.
އޭގެ ފައިދާ ނަގައި ބްރައިޓަން އިން ތިން ގޯލު ޖަހައި ވަނީ މެޗުން މޮޅުވެފަ އެވެ. އެގޮތުން ބްރައިޓަން އިން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ޑެނީ ވެލްބެކް އާއި މެކްސިމް ޑި ކުއިޕާ އެވެ.
ލީގުގައި މިރޭ މެންޗެސްޓާ ސިޓީން ވަނީ އަމިއްލަ ދަނޑުގައި 5-1 އިން ބާންލީ ބަލިކޮށްފަ އެވެ. މި މެޗުގައި ސިޓީގެ ފޯވާޑް ހާލަންޑް ދެ ގޯލު ކާމިޔާބުކޮށްދިން އިރު، ބާންލީގެ މެކްސިމް އެސްޓީވް އަތުން ވަނީ ބައިކޮޅަށް ދެ ގޯލު ވަދެފަ އެވެ. ސިޓީގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ ނުނޭސް އެވެ.