އައްޑޫ ސިޓީ ކައުންސިލަށް މުވައްޒަފުން ނުނެގި އެތައް މަސައްކަތްތަކެއް ހުއްޓުމަކަށް އައިސްފައިވާ ކަމަށް، އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނަ އިސްލާހުގެ 8 ވަނަ މާއްދާގައި ބުނެވިފައިވާ އުސޫލު، އެ އިސްލާހު ތަސްދީގު ކުރާތާ 30 ދުވަހުގެ ތެރޭގައި ގެޒެޓު ކުރަންޖެހޭ ކަމަށް ބުނެފައިވާއިރު އެ މުއްދަތު 60 ދުވަހަށް ބަދަލުވެގެންދާއިރު ވެސް އެ އުސޫލު ރައީސް އޮފީހުގައި ތާށިކޮށްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުން ކަމަށެވެ.
ގާނޫނަށް އެންމެން އެއް މިންވަރަކަށް ތަބާވާން ޖެހޭނެ ކަމަށާއި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށްވިޔަސް އެކަން އޮންނަންޖެހޭނީ އެގޮތަށް ކަމަށް މޭޔަރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ އެ އުސޫލު ގެޒެޓް ނުކޮށް ލަސްކުރަމުންދިޔުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ނުނެގި މުހިންމު އެތަކެއް މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.
"މިލިއަނުން ހަރަދުކޮށް ކައުންސިލަށް ގަނެފައިވާ ސްވީޕަރުތައް ބޭނުން ނުކުރެވި ލަސްވަމުންދަނީ ޑްރައިވަރުން ނަގަން ހުއްދަ ނުދެއްވާތީ. ކޮންޓްރެކްޓް ހަމަވެފައިވާ ގިނަ މުވައްޒަފުންތަކެއްގެ ވަޒީފާ ދަނީ ގެއްލެމުން،" ނިޒާރު ވިދާޅުވި އެވެ.
ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނައިސްލާހު (ކައުންސިލްތައް ލޮކް އަޅުވަންގެނައި އިސްލާހް) ގެ 08 ވަނަ މާއްދާގައި ބުނެވިފައިވާ އުސޫލް ، އެ އިސްލާހް ތަސްދީގް ކުރެވޭތާ 30 ދުވަހުގެ ތެރޭގައި ގެޒެޓް ވާންޖެހޭނެކަމަށް ބުނެފައިވާއިރު އެ މުއްދައްތު 60 ދުވަހަށް ބަދަލުވެދާއިރު އެ… pic.twitter.com/nty9CIOIXm
— Ali Nizar (@DhekunuNizar) September 27, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ކައުންސިލްގެ ދައުރު ހަމަވާން އަހަރަކަށް ވުރެ ކުުރު މުއްދަތެއް އޮވެއްޖެ ނަމަ، މާލީ ކަންކަމާ ގުޅޭ ބައެއް ކަންކަމާ ގުޅޭ ގޮތުން ނިންމުންތައް ނިންމޭނީ ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި، ކައުންސިލް އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަހަރައްދުތައް ކުއްޔައް ދޫކުުރުމާއި ދިނުމާއި އަދި ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުމެވެ.
މީގެއިތުރުން ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަކީ އެ ކުންފުނި ނިސްބަތްވާ ރަށްތަކުގައި އަމިއްލަ ވިޔަފާރިތަކުން ކުރާ އިގްތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއަކަށް ނުވުމާއި، އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތަކަށް ވާންޖެހޭނެކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އަދި އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލުގެ އަދަދު، 10 މިލިއަނަށްވުރެ ބޮޑުވާންޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އޭގެއިތުރަށް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެކި ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުލި ނެގުން ވެސް މަނާކޮށްފައި އެވެ.