ތިރީސް ހަތްވަނަ ގައުމީ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅު ކުރުން އަންނަ މަހުގެ 11 ގައި ބާއްވާނެ ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނެފި އެވެ.
މި އަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 18-26 އަށެވެ.
ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ޤުރުއާން މުބާރާތުގައި މި އަހަރު ޖުމްލަ 1،036 ބައިވެރިވި ނަމަވެސް މުބާރާތުގައި ކިޔަވާފައި ވަނީ 1،023 ބައިވެރިންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން 582 ބައިވެރިންނާއި ނުބަލައި ކިޔެވުމުގެ ގޮފިން 412 ބައިވެރިންނާއި ހާފިޒުންގެ ބައިގައި ކިޔެވި 29 ބައިވެރިންނެވެ.
މުބާރާތުގައި ސްކޫލްތަކާއި، ޤުރުއާން ކުލާސްތަކާއި، އޮފީސްތަކާއި މުވައްސަސާތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ވާދަކޮށްފައިވެ އެވެ.
މުބާރާތުގައި ކޮންމެ ޢުމުރުފުރާއަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު މުޅި މުބާރާތުންވެސް ވަނަތައް ހޮވާނެ އެވެ.
ގައުމީ ޤުރުއާން މުބާރާތް ބާއްވަމުން އަންނަނީ 1981 އިން ފެށިގެންނެވެ.