މާލޭގެ މޭޔަރު އާދަމް އާޒިމް، އޭޝިއާ ޕެސިޕިކް މޭޔާސް އެކެޑަމީގެ ޕްރޮގްރާމް ފުރިހަަމަ ކުރައްވައިފި އެވެ.
އޭނަ ހިމެނޭހެން އޭޝިއާ ޕެސިފިކް ސަރަހައްދުގެ ހަ ގައުމަކުން 12 މޭޔަރަކު އެ ޕްރޮގްރާމްގައި ބައިވެރިވި އެވެ. އެއީ ކެމްބޯޑިއާގެ އަރޭ ކްސަޓް އަދި ކެމްޕޮން ޗަނަންގާއި، އިންޑޮނޭޝިއާގެ ބަންޑާ އަޗޭއާއި، މެލޭޝިއާގެ ހުލޫ ސެލަންގޯރާއި، ނޭޕާލްގެ ބިރެންދްރަނަގަރާއި ދުލިޚޭލާއި އިނާރުވާއާއި މަނަރަޝިސްވާއާއި މުސިކޮޓާއި ސުރްޔޯދަޔާގެ އިތުރުން ފިލިޕީންސްގެ ޑެލް ކާމަންގެ މޭޔަރުންނެވެ.
އެކަޑަމީގެ މޮޑިއުލް އޮން ނެވިގޭޓިން އަ މަލްޓި-ކްރައިސިސްގެ ތެރެއިން ކާރިސާތަކާއި މުސްތަޤްބަލުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް، މި މޭޔަރުންނަށް މައުލޫމާތު ދީފައިވެ އެވެ.
އޭޝިއާ ޕެސިފިކް މޭޔާސް އެކަޑަމީ އަކީ 2019 ގައި އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްޕެކް)، ޔުނައިޓެޑް ނޭޝަންސް ހިއުމަން ސެޓްލްމަންޓްސް ޕްރޮގްރާމް (ޔޫއެން-ހެބިޓޭޓް) އަދި ޔޫސީއެލްޖީ އެސްޕެކް ގުޅިގެން ޔުނައިޓެޑް ނޭޝަންސް ޔުނިވަސިޓީ، އިންސްޓިޓިއުޓް ފޯ ދަ އެޑްވާންސްޑް ސްޓަޑީ އޮފް ސަސްޓެއިނަބިލިޓީ (ޔޫއެންޔޫ-އައިއޭއެސް) އާއި އެސޯސިއޭޝަން އޮފް ޕެސިފިކް ރިމް ޔުނިވާސިޓީސް (އޭޕީއާރުޔޫ) އަދި އިންސްޓިޓިއުޓް ފޯ ގްލޯބަލް އެންވަޔަރަންމަންޓަލް ސްޓްރެޓެޖީސް (އައިޖީއީއެސް) ގުޅިގެން އުފައްދާފައިވާ އެކަޑަމީއެކެވެ.
އެ އެކަޑަމީއަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި އަލަށް އިންތިހާބުވި ނުވަތަ އައްޔަން ކުރެވޭ މޭޔަރުންގެ ހުނަރު ތަރައްގީ ކުރުމަށް ތަމްރީނު ދޭ އެކެޑަމީއެކެވެ.