އިންޑިއާ ޕްރޮމޯޓް ކުރަން ނެޓްފްލިކްސްއާ އެކު ގައުމުގެ ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމާ އެކު އިންޑިއާގެ ޓޫރިޒަމް މިނިސްޓްރީން އެެއްބަސްވުމެއްގައި ސޮއިކުރީ އިއްޔެ ފާހަގަކުރި ދުނިޔޭގެ ޓޫރިޒަމް ދުވަހާ ވެސް ގުޅުވައިގެންނެވެ. ނެޓްފްލިކްސްއާ އެކު ހެދި އެއްބަސްވުމުގެ އިންޑިއާގެ އެކި ކަަހަލަ ކޮންޓެންޓްތައް މެދުވެރިކޮށް އިންޑިއާގެ ސަގާފަތާއި އާދަކާދަތަކާއި ގުދުރަތީ ރީތިކަން ޕްރޮމޯޓް ކުރަން މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މިއީ އިންޑިއާ ޕްރޮމޯޓް ކުރަން ކުރިން ވެސް ފަށާފައި އޮތް "އިންކްރެޑިބްލް އިންޑިއާ" ކެމްޕޭނަށް އާ ދިރުމެއް ގެނެސްދޭނެ ކަމެއް ކަމެއް ކަމަށާއި ނެޓްފްލިކްސްއާ ގުޅިގެން ކުރެވޭ މަސައްކަތުގެ ސަބަބުން އެ ގައުމުގެ މުއްސަނދި ސަގާފަތާއި ރީތިކަން މުޅި ދުނިޔެ އަށް ދައްކައިލެވޭނެ ކަމަށެވެ.
އެއްބަސްވުމާ ގުޅޭ ނެޓްފްލިކްސް އިންޑިއާ ކޮންޓެންޓްގެ ވައިސް ޕްރެޒިޑެންޓް މޮނިކާ ޝެރްގިލް ވިދާޅުވީ އިންޑިއާ އަކީ މުޅި ދުނިޔޭގައި ވެސް ވަރަށް މަޝްހޫރު ގައުމަކަށްވާތީ އެ ގައުމުގެ ކޮންޓެންޓްތަކަށް ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަން ދޭ ކަމަށެވެ.
"އެހެންވެ ޓޫރިޒަމް މިނިސްޓްރީއާ އެކު މި ހެދި އެއްބަސްވުމުގެ ތެރެއިން އިންޑިއާގެ ޖާދޫ ނެޓްފްލިކްސް މެދުވެރިކޮށް ދެން މާ ބޮޑަށް ވެސް ދައްކުވައި ދެވޭނެ." އޭނަ ވިދާޅުވި އެވެ.
އިންޑިއާ ޕްރޮމޯޓްކުރަން ސަރުކާރުން ނެޓްފްލިކްސްއާ އެކު އެއްބަސްވުމެއް ހެދި އިރު، އެ ގައުމުގެ ފިލްމުތަކާއި ސީރީޒް ފަދަ އުފެއްދުންތަކުން ނެޓްފްލިކްސް އަށް މިހާރު ވެސް ވަރަށް ބޮޑު އޯޑިއަންސެއް އޮވެ އެވެ.
އިންޑިއާ އަކީ ފިލްމީ މައިދާނުގައި ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ގައުމު ވެސް މެ އެވެ.