Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ހިތަދޫ ޕޯޓްގައި އައިއެސްޕީއެސް ކޯޑާ ގުޅޭ ސެޝަނެއް

އައްޑޫ ހިތަދޫ ސަރަޙައްދީ ބަނދަރުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ކޯޑާ ގުޅޭ ހޭލުންތެރިކަމުގެ ސެޝަނެއް ބާއްވައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި އެ ސެޝަނުގެ މަގުސަދަކީ ސެކިއުރިޓީގެ މިންގަނޑުތައް ހަރުދަނާކޮށް، ބަނދަރުގެ މުވައްޒަފުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.

އެ ސެޝަންގައި އައިއެސްޕީއެސް ކޯޑުގެ ދަށުން ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ ސެކިއުރިޓީގެ ޝަރުޠުތަކާ މުވައްޒަފުން އަހުލުވެރިކޮށްފައިވެ އެވެ. މި ކޯޑުގައި ބަޔާންކޮށްފައި ވަނީ ބަނދަރުތަކާއި ކަނޑުދަތުރުފަތުރުގެ މަސައްކަތްތައް އެކިއެކި ސެކިއުރިޓީ ނުރައްކާތަކުން ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކެވެ.

މި މަސައްކަތަކީ ރާއްޖޭގެ ބަނދަރުތަކުގައި ވިސްނުންތެރިކަމާއި ތައްޔާރީގެ ސަޤާފަތެއް އުފެއްދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ މަސައްކަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން ސަރަހައްދީ ބަނދަރުތަކުގެ މުވައްޒަފުންނަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ދަސްކޮށް ދިނުމުގެ ސަބަބުން، ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރުގެ ސެކިއުރިޓީގެ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުން ފަސޭހަވެ، ބަނދަރުތަކާއި ކަނޑުދަތުރުފަތުރުގެ މަސައްކަތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާވެގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.