Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

ބަންސާލީގެ ފިލްމަކުން އަހާން ފެނިދާނެ

ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް ޑައިރެކްޓަރު ކަމަށްވާ ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން، ދާދި ފަހުން ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ސައްޔާރާ" އިން ތައާރަފުވި އެކްޓަރު އަހާން ޕާންޑޭ އަށް ފުރުސަތު ލިބިފައިވާކަމުގެ ވާހަކަތަކެއް ދެކެވެން ފަށައިފި އެވެ.

މި ވާހަކަ މީޑިއާތަކުގައި ހޫނުކޮށް ދެކެވެން ފެށީ މުމްބާއީގައި ހުންނަ ބަންސާލީގެ އޮފީހަށް 27 އަހަރުގެ އެކްޓަރު އިއްޔެ ގޮސް އުޅެނިކޮށް ފެނިގެންނެވެ. އެއާ އެކު ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ސޯޝަލް މީޑިއާގައި އުފާވެރި ޚަބަރަކަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަން ޖެހިފައިވާ ކަމަށް ބުނަމުންނެވެ.

މީޑިއާތަކުން ބުނީ ބަންސާލީގެ އޮފީހަށް އަހާން ދިޔައީ، ޕްރޮޖެކްޓަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ކަމަށް ބެލެވޭތީ، ބަންސާލީގެ ފިލްމަކުން އޭނަ ފެނުމަކީ ވަރަށް އުންމީދު ކުރެވޭ ކަމެއް ކަމަށެވެ.

ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ބަންސާލީ އަކީ ބޮލީވުޑަށް އާ ތަރިންތަކެއް ވެސް ނެރެފައިވާ މީހެކެވެ. އެއީ އޭނަ ޑައިރެކްޓްކުރި ބައެއް ފިލްމުތަކާއި ޕްރޮޑިއުސްކުރި ބައެއް ފިލްމުތަކުންނެވެ. މަޝްހޫރު ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި ސޯނަމް ކަޕޫރަކީ ބަންސާލީ ޑައިރެކްޓްކުރި 2007 ގެ "ސާވަރިއާ" އިން ބޮލީވުޑަށް ނުކުތް ތަރިންނެވެ. މީގެ އިތުރުން އެކްޓަރު ޖާވިދު ޖެފްރީގެ ދޮށީ ފިރިހެން ދަރިފުޅު މީޒާން ޖެފްރީ ބޮލީވުޑަށް ތައާރަފުވީ ބަންސާލީ ޕްރޮޑިއުސްކުރި 2019 ގެ "މަލާލް" އިންނެވެ. '

އެ ފިލްމަކީ އޭނަ އަށް ބޮޑުބޭބެ ކިޔާ ބަތަލާ ޝަރުމިން ސޭގަލް ވެސް ތައާރަފުވި ފިލްމެވެ.

ބަންސާލީ މިހާރު އަންނަނީ ރަންބީރާއި އާލިއާ ބަޓްގެ އިތުރުން ވިކީ ކޯޝަލާ އެކު "ލަވް އެންޑް ވޯ" ހަދަމުންނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ އާލިއާ އަށް މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބުނު 2022 ގެ "ގަންގޫބާއީ ކަތިއަވާޅީ" އެވެ.

ބަންސާލީގެ ފިލްމަކުން އަހާން ފެނިދާނެކަމަށް ބެލެވެން ފެށި އިރު، އޭނައާ އެކު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ސައްޔާރާ" ގައި ބަތަލާ ރޯލު ކުޅުނު އަނީތު ޕައްޑާ އަށް އެ ސްޓޫޑިއޯގެ ދެވަނަ ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އެއި "ޓައިގާ 3" އާއި "ފޭން" އަދި "ބޭންޑް ބާޖާ ބާރާތު" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު މަނީޝް ޝަރުމާ ޑައިރެކްޓްކުަން ހަމަޖެހިފައިޗާ ރޮމޭންޓިކް ކޮމެޑީއެއް ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.