Last Updated: June 7, 10:55
Sunday, June 7, 2026
ޚަބަރު

ބާރުގަދަ ގައުމުތަކަށް ގާނޫނު ނުހިނގާތީ އިތުބާރު ގެއްލޭ

ބާރުގަދަ ބައެއް ގައުމުތަކަށް ބައިނަލްއަގްވާމީ ގާނޫނު ނުހިނގާ ކަމަށާއި ނަތީޖާ އަކީ ބައިނަލްއަގްވާމީ ނިޒާމަށް ދުނިޔޭގެ އިތުބާރު ގެއްލެމުން ދިއުން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގައުމުތަކުގެ މެދުގައި ހަމަހަމަ ކަމާއެކު ބައިނަލްއަގްވާމީ ގާނޫނު ނުހިނގާތީ އެކަމުގެ ކަންބޮޑުވުން އިންތިހާ އަށް އޮތްކަން ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލުއާންމަކި އެފަދަ ސާފު މިސާލެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލު އާންމުގައި މިހާތަނަށް ފަސްދޮޅަށް ހަހާށް ވުރެ ގިނަ އާންމު ރައްޔިތުން ޝަހީދުކޮށްލާފައި،" ހަލީލު ވިދާޅުވި އެވެ. އޭގެ ތެރޭން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައީ އަންހެނުންނާިއ ކުޑަކުދިން. ލަދެއް ނެތި އެތައް ފަހަރަކު ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖަހައި އެ ގާނޫނާ އިޒްރޭލުން ހިލާފުވެއްޖެ."

މިނިސްޓަރު ވިދާޅުވީ ޔަހޫދީންގެ އެ ގަތުލުއާއްމު ހިންގަން ވާގިވެރިވެ، ހަތިޔާރާއި އެހީ ފޯރުކޮށްދެމުން ދަނީ، އިންސާނީ ހައްގުތައް ވަކާލާތުކޮށް ބައިނަލްއަގުވާމީ ގާނޫނުތަކާއި ހަމަތައް ވުޖޫދު ކުރުމުގެ ފަހަތުގައި ތިބި ގައުމުތައްކަމީ އެ ގައުމުގެ ދެފުށް ދެގޮތްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިކަމާ ހެދި ފަލަސްތީނުގެ ރައްޔިތުންނަކީ ވެސް އެހެން މީހުންނެކޭ އެއްގޮތަށް ހަމަހަމަ ހައްގުތަކެއް ލިބިގެންވާ ބައެއްކަން އެފަދަ ގައުމުތަކުން ގަބޫލު ނުކުރާކަން ސާފުވާ ކަމަށެވެ. އަދި މި ތަފާތުކުރުމަކީ މި ގަރުނުގެ ވެސް އެންމެ ބޮޑު ލަދު ކަމަށް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ އިޒްރޭލުގެ ޖަރީމާތައް ހުއްޓުވަން ނުކުޅެދުމުގެ ސަބަބުން އެ އަނިޔާވެރިކަން ގަތަރާއި ސީރިއާ އާއި ޖޯޑަނާއ ޔަމަނު އަދި އީރާނާ ހަމައަށް ވެސް ފޯރާފައިވާ ކަމަށެވެ. އަދި މިއީ ގާނޫނަށް ވުރެ ބާރާއި ނުފޫޒުގެ އަޑުގަދަވާ ނަމަ އެއްވެސް ގައުމެއްގެ ބޯޑަރަށް ސަލާމަތެއް ނެތްލަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންވެ މިނިސްޓަރު ވަނީ އދ. ގެ އޮނިގަނޑު އިސްލާހުކޮށް، ހަމަހަމަކަމާއި އިންސާފު ގާއިމުކުރުން އަވަސް ކުރަން ގޮވާލައްވައިފަ އެވެ.