Last Updated: June 6, 09:11
Saturday, June 6, 2026
ޚަބަރު

ގދ. އަތޮޅުގެ ފުލުހުން ތާޒާކުރުމުގެ ޕްރޮގްރާމެއް

ގދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް 'ޔޫޒް އޮފް ފޯސް ރިފްރެޝާ' ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

މި މަހުގެ 25 އާއި 26 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ފުލުހުންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އާންމުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ޕްރޮގްރާމްގައި ގދ. އަތޮޅުގެ އެކި ރަށްރަށުން 31 ފުލުހުން ބައިވެރިވި އެވެ.

މި ޕްރޮގްރާމްގައި، ފުލުހުން ބޭނުންކުރާ ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ ބިޑިއާއި މުގުރު ބޭނުން ކުރާނެ ގޮތްތަކާއި ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމުގައި އަމަލު ކުރާނެ ގޮތުގެ އުކުޅުތައް އިތުރަށް ދަސްކޮށް ދިނުމަށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

އަދި ފުލުހުންނަށް ލިބިދީފައިވާ ގާނޫނީ ބާރުތަކާއި އިހުތިޔާރުގެ ބޭނުން ހިފުމާ ބެހޭ ގަވާއިދާއި ހަތިޔާރު ގެންގުޅުމާއި ބޭނުން ކުރުމާ ބެހޭ ގަވާއިދު އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ގުޅޭގޮތުން މައުލޫމާތު ދީފައިއެވެ.

މީގެ އިތުރުން ފުލުހުންނާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކަށް ޕްރޮގްރާމްގެ ބައިވެރިން އިތުރަށް އަހުލުވެރިކޮށްފައިވެ އެވެ.