މިދިޔަ މަހު އޮލިމްޕަހުގައި ދެއްކި ފިލްމު "ލޯބިން" އަންނަ މަހު އައްޑޫގައި އަޅުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ރޮމޭންޓިކް ތުރިލާގެ ދެ ޝޯއެއް އައްޑޫގައި ދައްކާ ގޮތަށް ހަމަޖެހިފައިވެ އެވެ. އެއީ އަންނަ މަހުގެ 9 އާއި 10 ގައި ހިތަދޫގަ އެވެ.
އެ ދެ ޝޯގެ ޓިކެޓް ބުކްކުރަން މިހާރު އޮތީ ހުޅުވާލައިފަ އެވެ.

އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު "ލޯބިން" އޮގަސްޓް 6 ގައި ޕްރީމިއާކޮށް، ފިލްމުގެ ޝޯތައް އެ މަހުގެ 30 އާ ހަމައަށް އޮލިމްޕަހުގައި ދެއްކި އެވެ. މި ފިލްމު އަންނަ މަހު އައްޑޫގައި އަޅުވާ އިރު، މިހާތަނަށް ރާއްޖޭގެ އެކި ރަށްރަށުގައި ފިލްމު ދައްކާފައިވެ އެވެ.
ހަށިވިއްކުމުގެ ތެރެއަށް ދާން މަޖުބޫރުވާ އަންހެނެއްގެ ވާހަކަ ކިޔައިދޭ "ލޯބިން" ގެ ލީޑް ތަރިންނަކީ އަހުމަދު ޝާރިފާއި ތާތި އާދަމްގެ އިތުރުން އޭނަގެ ފިރިމީހާ އިފްނާޒް ފިރާގެވެ.
މި ފިލްމަކީ އައި ފިލްމްސް އާއި އިންޖީނިއަސް ވިޝުއަލް ފެކްޓްރީގެ އިތުރުން ލައިޓް އައުޓް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދި ފިލްމެކެވެ.