Last Updated: July 6, 09:15
Monday, July 6, 2026
ޚަބަރު

އެމްއެމްއޭގެ ބަހުސް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކުރާ ތަމްވީލް އިކޮންކުއެސްޓް ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ ދިވެހި ޒުވާނުން އިޤްތިޞާދީ އެކިއެކި މަޢުޟޫތަކަށް ޚިޔާލުފާޅުކޮށް، އިލްމީ ނަޒަރަކުން މާލީ ކަންކަމަށް ދެނެގަތުމަށް ޒުވާނުން ބައިވެރިކުރުމަށް ބާއްވާ ބަހުސް މުބާރާތެކެވެ.

މާލެ ސަރަޙައްދުގައި ހިމެނޭ ސްކޫލްތަކާއި، ކޮލެޖްތަކާއި، ޔުނިވާސިޓީތަކުގެ 16 އަހަރާއި 25 އަހަރާ ދެމެދުގެ ދަރިވަރުންނަށް ހުޅުވާލެވިފައިވާ މި މުބާރާތުގެ މަޤްޞަދަކީ ކުރިމަގުގެ ލީޑަރުންގެ މެދުގައި މާލީ ހޭލުންތެރިކަމާއި، މަދަނީ ހޭލުންތެރިކަމާއި، މާލީ ކަންކަމަށް ވިސްނުން އިތުރުކުރުމެވެ.

ބައިވެރިން ބަހުސްކުރާނީ މާލީ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ޑިޖިޓަލް ފައިސާއާއި، އިސްލާމީ އިޤްތިޞާދު ފަދަ ތީމްތަކުގެ މައްޗަށެވެ. ބަހުސްތައް ކުރިއަށްދާނީ އިނގިރޭސި ބަހުން، ޕަބްލިކް ފޯރަމް ނުވަތަ ސްޕޮންޓޭނިއަސް އާގިއުމެންޓޭޝަން ސްޓައިލްގަ އެވެ. ކޮންމެ ވާހަކަދައްކާ ފަރާތަކަށްވެސް 5 މިނެޓުގެ ވަގުތު ދެވޭނެ އެވެ. އަދި ކޮންމެ ބަހުސަކުގެ ކުރިން 30 މިނެޓުގެ ތައްޔާރުވުމުގެ ވަގުތު ދެވޭނެ އެވެ.

މި މުބާރާތުގައި ގިނަ އަދަދެއްގެ އިނާމު ހުށަހަޅާފައިވެ އެވެ. ޗެމްޕިއަން ޓީމަށް 8،000 ރުފިޔާއާއި ތަށްޓަކާއި ސެޓްފިކެޓްތައް ލިބޭނެ އެވެ. ރަނަރަޕް ޓީމަށް 5،000 ރުފިޔާއާއި ސެޓްފިކެޓްތައް ލިބޭނެ އެވެ. އަދި އެންމެ މޮޅު ވާހަކަދެއްކުންތެރިޔާއަށް 2،000 ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން، އުފެއްދުންތެރިކަމުގެ އިތުރުން ތަފާތު ނަޒަރިއްޔާތަކުގެ ހުށަހެޅުމަށް 1،000 ރުފިޔާގެ ޚާއްޞަ އިނާމެއް ދެވޭނެ އެވެ.

އެމްއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުގައި އިކޮންކުއެސްޓްގެ މަޤްޞަދަކީ ހަމައެކަނި ޢާންމުކޮށް ވާހަކަދެއްކުމާއި ތަޙްލީލުކުރުމުގެ ހުނަރުތައް ތަރައްޤީކުރުން އެކަންޏެއް ނޫނެވެ. މީގެ އިތުރުން، ދަރިވަރުންނަށް ދުނިޔޭގެ އިޤްތިޞާދީ ގޮންޖެހުންތައް ދިރާސާކުރުމަށާއި އަދި ދެމެހެއްޓެނިވި މާލީ މުސްތަޤްބަލަކަށް އައު އުފެއްދުންތެރި ޙައްލުތައް ހުށަހެޅުމަށް ބާރުވެރިކުރުވުމެވެ.

ޝައުޤުވެރިވާ ޓީމުތަކުން، 3 އާއި 5 އާ ދެމެދުގެ މެންބަރުން ހިމެނޭ ގޮތަށް، އެ ޓީމުގެ ލީޑަރެއް ކަނޑައަޅައި، 30 ސެޕްޓެމްބަރު 2025 ވާ ދުވަހުގެ ރޭ 11:59 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެ އެވެ.