Last Updated: July 6, 09:15
Monday, July 6, 2026
ޚަބަރު

މީޑިއާ ކޮމިޝަންގެ އިންތިހާބު: 353 މީޑިއާކަށް ވޯޓުލެވޭ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފައްދާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 353 މީޑިއާއަކަށް ލިބިގެންވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އަންނަ މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ވޯޓުލެވޭނެ މީޑިއާތަކުގެ ފުރަތަމަ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ. އެއީ 18 ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ 335 މީޑިއާ އެވެ.

އިންތިޚާބުގައި ވޯޓުލެވޭނީ ކޮންމެ މީޑިއާއަކުންވެސް ކަނޑައަޅާ އެއް މަންދޫބަކަށެވެ. ވޯޓުލުން ކުރިއަށްދާނީ ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތައް ވަކިންނެވެ.

ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީޑިއާތަކުގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާއިރު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން މާދަމާ މެންދުރު 3:00 އާ ހަމައަށް މި ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ޖުމްލަ ހަތް މެންބަރުން ތިބޭ މި ކޮމިޝަނަށް މީޑިއާތަކުން އިންތިޚާބުކުރާނީ ހަތަރު މެންބަރުންނެވެ. އޭގެ ތެރެއިން ދެ މެންބަރުންނަކީ އޮންލައިން މީޑިއާގެ ފަރާތުން އަދި އަނެއް ދެ މެންބަރުންނަކީ ބްރޯޑްކާސްޓަރުންގެ ފަރާތުން އިންތިޚާބުކުރާ މެންބަރުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ މުއްދަތު އޮންނާނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. ފޯމު ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 2:00 އަށެވެ.

ކޮމިޝަނަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ފުރިފައިވުމާއި، މީޑިއާގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ނުވަތަ ފަސް އަހަރުގެ ތަޖުރިބާ ހުރުން ހިމެނެއެވެ. އަދި މީޑިއާއެއްގެ މަސްއޫލުވެރިއެއް ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކަށް ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.