ފެނަކަ ކޯޕަރޭޝަނުގެ އޮޑިޓް ރިޕޯޓު ނެރުނީ ސަރުކާރުން ގޮތް ހުވެގެން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ ވެރިކަމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު ހުންނެވި ދުވަސްވަރު ހިންގާފައި ހުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން ދާދިފަހުން ނެރުނު އޮޑިޓު ރިޕޯޓަކުން ވަނީ ފަޅާއަރުވާލާފަ އެވެ.
އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރޭގަނޑު ދަންވަރުގެ ވަގުތެއްގައި މިނިވަން މުއައްސަސާއެއްގެ އޮފީސް ހުޅުވައިގެން ސިޔާސީ ބަޔަކު ލިޔެފައިވާ އޮޑިޓު ރިޕޯޓެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ޝާއިއުކުރުން ކުށްވެރިކުރާ ކަމަށާއި އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ސައްހަ މައުލޫމާތުތަކެއްތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުގައި ދައުލަތުގެ އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ އެ ކަމެއް ބަލައި އިންސާފުވެރި ޝަރީއަތަކުން ގޮތް ކަނޑައެޅުމަށް މަރުހަބާ ކިޔާ ކަމަށާއި ސަރުކާރުގެ ޕްރޮޕަގަންޑާ މެޝިނުން ފަތުރަމުން އަންނަ ތޯތޯ ވާހަކަތަކަށް ޖަވާބުދާރީވާނީ އިންސާފުވެރި ޝަރީއަތުގެ މަޖިލީހެއްގައި ކަމަށް އެމްޑީޕީން ބުންޏެވެ.
"މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދައުލަތުގެ ހުރިހާ ބާރެއް މުށުތެރެއަށް ވަނީ ނަންގަވާފަ އެވެ. ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކުގެ މައްޗަށް ފުރިހަމަ ބާރު މުއިއްޒު ހިންގަވަމުން ގެންދަވާއިރު އޮޑިޓާ ޖެނެރަލް އިބްރާހިމް ނިޔާޒީއަށް މަގާމުން ވަކިކުރާނެ ކަމުގެ ބިރު ދައްކައިގެން މުއިއްޒު ބޭނުންވާ ގޮތަށް ރިޕޯޓުތައް ނެރެމުންދިޔުމަކީ ދައުލަތުގެ އިދާރާތަކަށް ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފެއިލްވެފައިވާ ކަމުގެ ހެއްކެކެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނީ މިފަދަ ރިޕޯޓެއް ނެރުނުއިރު އެ ކަމުގައި ޝާމިލުވާ މީހުންނާއި ކުންފުނިތަކާ އެއްވެސް ސުވާލެއް ކުރުމެއް ނެތި މި ރިޕޯޓު އާންމުކުރުމަކީ މިއީ ސިޔާސީ ބޭނުމެއްގައި ނެރެފައިވާ ރިޕޯޓެއްކަން ސާބިތުވާ ކަމެއް ކަމަށެވެ. އަދި މިއީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ ބޮލުގައި ސާބިތު ނުހިފޭ ދޮގު އިލްޒާމް އަޅުވައި އަގު ވައްޓާލުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށްވެސް ބުނެފައިވެ އެވެ.
"ފެނަކަ ކޯޕަރޭޝަންގެ އޮޑިޓު ރިޕޯޓަކީ މި ސަރުކާރުން އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް ސިޔާސީ ބޭނުމެއްގައި ނެރުނު ރިޕޯޓެއް ކަމަށް މި ޕާޓީން ދެކެމެވެ. އަދި އެ ރިޕޯޓަކީ 3 އޮކްޓޯބަރުގައި ބާއްވާ އެއްވުމަށް ލިބެމުންދާ ތަރުހީބު ފެނި ސަރުކާރަށް ގޮތްހުސްވެގެން ނެރުނު ރިޕޯޓެކެވެ،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނިގޮތުގައި ރައްޔިތުންގެ ނުރުހުން ސަރުކާރަށް އިންތިހާއަށް އޮތުމާއެކު ޕްރޮޕަގަންޑާ ފެތުރުމަށް 2 އޮކްޓޯބަރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.
ސަރުކާރުން ފުލުފުލުގައި ސިޔާސީ ރިޕޯޓުތައް ނެރެ ސިޔާސީ ހުކުމްތައް ކުރަމުންދިޔަ ނަމަވެސް އަންނަ ހުކުރު ދުވަހު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ދިވެހި ރައްޔިތުން މަގުތަކަށް ނުކުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމްޑީޕީން ބުންޏެވެ.