Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ކޮންޓެންޓް ކްރިއޭޓަރުންގެ ލޯނަށް ހުޅުވާލައިފި

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ދޭން ސަރުކާރުން ނިންމި ދޫކުރާ ލޯނު ސްކީމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ހުޅުވާލައިފި އެވެ.

އެ ކުންފުނިން ބުނީ ރަހުނަކާ އެކު 500،000ރ. އަދި ރަހުނަކާ ނުލައި 150،000ރ. ގެ ލޯނު ލިބޭނެ ކަމައެވެ.

ކޮންޓެންޓް ކްރިއޭޓަރުންނަށް ފައިނޭންސް ސްކީމެއްގެ ފުރުސަތު ސަރުން ހުޅުވައިލުމުގެ މައިގަނޑު ބޭނުމަކީ ކޮންޓެންޓް ކްރިއޭޓަރުން ބާރުވެރިކޮށް، ރާއްޖޭގެ ކްރިއޭޓިވް އިގްތިސާދަށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދައިދިނުމެވެ. އެގޮތުން ޑިޖިޓަލް ކޮންޓެންޓް އުފައްދާ ފަރާތްތަކާއި އިންފްލުއެންސަރުންނާއި ވީޑިއޯގްރާފަރުންނަށް އެ މީހުންގެ ވަސީލަތްތައް އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ އިތުރުން އާ ފުރުސަތުތަކެއް މި ލޯނު ސްލީމްގެ ދަށުން ފަހިކޮށްދޭނެ އެވެ.

އެސްޑީއެފްސީން ބުނީ ލޯނު ދޫކުރަން ނންމީ އަހަރަކު 9.5 ޕަސެންޓުގެ އިންޓަރެސްޓުގައި ރޭޓެއްގައި ކަމަށެވެ. އަދި އަނބުރާ ފައިސާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. ސްކީމްގެ ގްރޭސް ޕީރިއޑަކީ ހަ މަސް ދުވަހެވެ.

މި ލޯނު ސްކީމުގެ އެހީގައި އިކުއިޕްމަންޓް ގަތުމާއި އުފެއްދުމުގެ ހަރަދުތައް ކަވަރުކުރުމާއި ކްރިއޭޓިވް އެންޓަޕްރައިސަސްތައް ސްކޭލް ކުރުމަށް ކޮންމެހެން ބޭނުންވާ ވިޔަފާރީގެ އެކި ހަރަދުތައް ފޫބެއްދޭނެ ކަމަށް އެސްޑީއެފްސީން ބުންޏެވެެ.

ކޮންޓެންޓް ކްރިއޭޓަރުންނަށް ލޯނު ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.