Last Updated: June 6, 06:06
Saturday, June 6, 2026
ރިޕޯޓް

ފިކުރާއި ހިތާމައިގެ ވަގުތު ކުރެވިދާނެ 2 ދުޢާއެއް!

ފިކުރުބޮޑުވުމާއި ހިތާމާއިގެ ވަގުތުތައް އައުމަކީ އަޅުގަނޑުމެންގެ ޙަޔާތުގައި ކޮންމެ މީހަކަށް ވެސް ދިމާވާ ކަންކަމެވެ. އެފަދަ ވަގުތުތަކަކީ ކެއްތެރިކަން އިސްކޮށް الله ތަޢާލާގެ ޙަޟްރަތުން މަދަދާއި އެހީތެރިކަން ހޯދަން ޖެހޭ ވަގުތުތަކެވެ. އެހެންކަމުން ނަބިއްޔާ ﷺ ވަނީ މިފަދަ ޙާލަތްތަކުގައި ކުރާނެ ދުޢާތައް އަޅުގަނޑުމެންނަށް ދަސްކޮށް ދެއްވައިފަ އެވެ.

އެގޮތުން ތިރީގައި މި ބަޔާންކޮށްލަނީ ފިކުރުބޮޑުވުމާއި ހިތާމާއިގެ ވަގުތުތަކުގައި ކުރެވިދާނެ ދެ ދުޢާ އެވެ.

* ފުރަތަމަ ދުޢާ

(اللَّهُمَّ إِنِّي عَبْدُكَ ابْنُ عَبْدِكَ ابْنُ أَمَتِكَ نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْل ٌ فِيَّ قَضَاؤُكَ أَسْأَلُكَ بِكُلِّ اِسْمٍ هُوَ لَكَ سَمَّيْتَ بِه ِ نَفْسَكَ أَوْ أَنْزَلْتَه ُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ أَوِ اسْتَأْثَرْتَ بِه ِ فِي عِلْمِ الغَيْبِ عِنْدَكَ أَنْ تَجْعَلَ القُرْآنَ رَبِيْعَ قَلْبِي، وَنوْرَ صَدْرِي وَجَلَاءَ حُزْنِي وَذَهَابَ هَمِّي)

(މި ޙަދީޘް ރިވާކުރެއްވީ އަޙްމަދު އަދި އަލްބާނީ ޞައްޙަ ޙަދީޘްއެއް ކަމަށް ވިދާޅުވެފައިވޭ)

މި ދުޢާގެ މާނައި:” އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އަހުރެންނީ އިބަﷲގެ އަޅަކީމެވެ. އިބަﷲގެ ފިރިހެން އަޅާގެ ދަރިޔަކީމެވެ. އިބަﷲގެ އަންހެން އަޅާގެ ދަރިޔަކީމެވެ. މިއަޅާގެ ލަގަންވަނީ އިބަ ﷲގެ އަތްޕުޅުގައެވެ. އިބަﷲގެ ޙުކުމްފުޅު މި އަޅާގެ މައްޗަށް ތަންފީޒުވެގެންވެ އެވެ. އިބަﷲގެ އަމިއްލަ ޒާތުފުޅަށް ޚުދު އިބަﷲ ދެއްވާފައިވާ ނުވަތަ އިބަﷲގެ ފޮތުގައި އިބަﷲ ބާވައިލައްވާފައިވާ ނުވަތަ އިބަﷲގެ މަޚްލޫޤުންގެ ތެރެއިން މަޚްލޫޤަކަށް އިބަﷲ އުނގަންނައިދެއްވާފައިވާ ނުވަތަ އިބަﷲގެ ޙަޟްރަތުން ޣައިބުގެ ޢިލްމުގައި އިބަﷲ ޚާއްސަކުރައްވާފައިވާ އިބަﷲގެ ހުރިހާ އިސްމުފުޅުތަކެއް މެދުވެރިކޮށް، މިއަޅާގެ ހިތުގެ ބަހާރުކަމުގައާއި، މިއަޅާގެ ހިތުގެ ނޫރުކަމުގަ އާއި، މިއަޅާގެ ހިތާމަ ފިއްލަވައިދޭ ޒަރިއްޔާކަމުގައާއި އަދި މިއަޅާގެ ފިކުރުބޮޑުވުން ދުރުކޮށްދޭ ޒަރިއްޔާކަމުގައި ޤުރުއާން ލައްވަދިނުމަށް އިބަﷲގެ ޙަޟްރަތުން އެދިދަންނަވަމެވެ.”

* ދެވަނަ ދުޢާ

(اللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الهَمِّ وَالحُزْنِ، وَالعَجْزِ وَالكَسَلِ وَالبُخْلِ وَالجُبْنِ، وَضَلْعِ الدَّيْنِ وَغَلَبَةِ الرِّجَالِ)

(މި ޙަދީޘް ރިވާކުރެއްވީ ބުޚާރީ 6363)

”އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ ފިކުރު ބޮޑުވުމުންނާއި، ހިތާމައިންނާއި، ނުކުޅެދުމުންނާއި، ކަންނެތްކަމުންނާއި، ބަޚީލުކަމުންނާއި، ފިނޑިކަމުންނާއި، ދަރަނީގެ ބުރައިންނާއި އަދި މީސްތަކުން މިއަޅާގެ މައްޗަށް ގަދަވެގަތުމުން ރައްކާތެރިކޮށްދެއްވުމަށް އިބަﷲގެ ޙަޟްރަތުން އެދިދެންނަވަމެވެ.”

އަދި ހަމަ އެފަދައިން ނަބިއްޔާ އަށް ޞަލަވާތް ކިޔެވުން ގިނަ ކުރާށެވެ! އެއީ ހިތާމަތަކާއި މާޔޫސްކަން ފިލާނޭ ކަމެކެވެ.
އުބައްޔު ބުނު ކަޢްބު رضي الله عنه ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. ”އޭ الله ގެ ރަސޫލާއެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރަމެވެ. ފަހެ ތިމަންގެ ދުޢާގައި ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވަންވީ ކިހާވަރަކަށްތޯއެވެ. ޙަދީޘްކުރެއްވިއެވެ. “ތިބާ ބޭނުން ވަރަކަށެވެ.”

ތިމަން ދެންނެވީމެވެ. “ހަތަރުބައިކޮށްފައި އެއްބައިތޯ އެވެ؟” ޙަދީޘްކުރެއްވިއެވެ. “ތިބާ ބޭނުން ވަރަކަށެވެ. ތިއަށްވުރެ އިތުރުކޮށްފިނަމަ ތިބާއަށް ހެޔޮކަން ބޮޑެވެ.” ތިމަން ދެންނެވީމެވެ. “ދެބައިކޮށްފަ އެއްބައިތޯ އެވެ؟” ޙަދީޘްކުރެއްވިއެވެ. “ތިބާ ބޭނުން ވަރަކަށެވެ. ތިއަށްވުރެ އިތުރުކޮށްފިނަމަ ތިބާއަށް ހެޔޮކަން ބޮޑެވެ.” ތިމަން ދެންނެވީމެވެ. “އެހެންވިއްޔާ ތިންބައިކޮށްފަ ދެބައިތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ތިބާ ބޭނުން ވަރަކަށެވެ. ތިއަށްވުރެ އިތުރުކޮށްފިނަމަ ތިބާއަށް ހެޔޮކަން ބޮޑެވެ.” ތިމަން ދެންނެވީމެވެ. “ތިމަންގެ މުޅި ދުޢާގައި ކަލޭގެފާނަށް ޞަލަވާތްކިޔަވާނީއެވެ.” ޙަދީޘްކުރެއްވިއެވެ.

“إِذًا تُكْفَى هَمَّكَ وَيُغْفَرُ لَكَ ذَنْبُكَ”

“ތިޔަހެން ކަންތައްކޮށްފި ނަމަ ތިބާގެ ހިތާމަޔާއި މާޔޫސްކަން ފިއްލަވާނެ އެވެ. އަދި ތިބާއަށްޓަކައި ތިބާގެ ފާފަތައް ފުއްސަވާނެއެވެ.”

(މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އަޙްމަދު އަދި އަލްބާނީ ޞައްޙަ ޙަދީޘްއެއް ކަމަށް ވިދާޅުވެފައިވޭ)

މަސްދަރު: އިލްމު.އެމްވީ