Last Updated: June 6, 09:11
Saturday, June 6, 2026
ޚަބަރު

މުރަނގަ ގަސް އާލާކުރަން ޕްރޮގްރާމެއް ފަށަނީ

މުރަނގަ ގަސް އާލާކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަމަށް އެގްރިކަލްޗަ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހާރު އެ މަސައްކަތަށް ބޭނުންވާ ކޮންސަލްޓަންޓެއް ހޯދަން ވެސް އިއުލާންކޮށްފަ އެވެ. އެހެންވެ ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 6 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު 3339282 އަދި 3339279 އިން ހޯދޭނެ އެވެ.

އެގްރިކަލްޗަ މިނިސްޓްރީން ބުނީ މުރަނގަ އަކީ ރާއްޖޭގައި ޞިއްޙަތަށާއި، ކާނާއަށާއި، ކޮސްމެޓިކްސްއަށާއި އަދި އާމްދަނީ ހޯދުމަށް ބޭނުންކުރެވިދާނެ ނިއުޓްރިއެންޓް ގިނަ ގަހެއްގެ ގޮތުގައި ފާހަގަކުރެވިފައިވީ ނަމަވެސް، މިއީ އެކަށީގެންވާ ވަރަށް ބޭނުން ނުކުރެވޭ ގަހެއް ކަމަށެވެ.

އެހެންވެ މުރަނގަ އާލާކުރަން ހިންގާ ޕްރޮގްރާމުގެ މަގުސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި މުރަނގަ އިންދައި ހެއްދުމާއި، އުފެއްދުންތައް އައު ގޮތްގޮތަށް ތައްޔާރު ކުރުމާއި، އަދި މުޖުތަމަޢުގެ ފެންވަރުގައި އިގުތިސާދީ ގޮތުން ބާރުވެރި ކުރުވުމަށް ހިތްވަރު ދިނުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން ފެންނަ އާންމު ގަހުގެ ބާވަތްތަކުގެ ތެރޭގައި މުރަނގަ ގަސް ހިމެނެ އެވެ. މުރަނގަތޮޅި އާންމު ގޮތެއްގައި ތަރުކާރީއެއްގެ ގޮތުގައި ބޭނުންކުރާ އިރު، މުރަނގަފަތަކީ ވެސް ކާން ބޭނުން ކުރާ ސިއްހަތަށް ވަރަށް ފައިދާ ހުރި ފަތެކެވެ.