ހޮލީވުޑްގެ ތަޖުރިބާކާރު މަޝްހޫރު ބަތަލާ ޖޫލިއާ ރޮބަޓްސްގެ އާ ފިލްމު "އާފްޓާ ދަން ހަންޓް" އަންނަ މަހުގެ 10 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
މި ސައިކޮލޮޖިކަލް ތުރިލާ ވަނީ ދާދި ފަހުން ބޭއްވި ވެނިސް ފިލްމު ފެސްޓިވަލްގައި ވެސް ޕްރީމިއާކޮށްފަ އެވެ.
ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ "އާފްޓާ ދަ ހަންޓް" އަކީ ހަގީގީ ހާދިސާއެެއްގެ މައްޗަށް ބިނާކޮށް އިޓަލީގެ ކުޅަދާނަ ޑައިރެކްޓަރު ލޫކާ ގުއަޑްނިނޯ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އޭނަ އަކީ "އައި އޭމް ލަވް" އާއި "ކޯލް މީ ބާއި ޔޯ ނޭމް" އާއި "ބޯންސް އެންޑް އޯލް" ގެ އިތުރުން "ޗެލެންޖާސް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.
ނޯރާ ގެރަޓްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "އާފްޓާ ދަ ހަންޓް" ގައި ކިޔައިދޭނީ ޔޭލް ޔުނިވަސިޓީގެ އަންހެން ޕްރޮފެސަރެއްގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަކާ ގުޅިގެން ހިނގައިދާ ހާދިސާތަކެކެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޖޫލިއާ މި ފިލްމުގައި ކުޅެފައި ވަނީ އަލްމާ އޮލްސަން ކިޔާ ޕްރޮފެސަރެއްގެ ރޯލެވެ.
"އާފްޓާ ދަ ހަންޓް" ގެ ކާސްޓްގައި އަޔޯ އެޑިބްރީ، އެންޑްރޫ ގާފީލްޑް، މައިކަލް ސްޓަލްބާގް އަދި ކްލޯއީ ސެވިގްނީ ހިމެނެ އެވެ.