ކިތަންމެ ރިޕޯޓެއް ނެރުނަސް އޮކްޓޫބަރު 3 ގައި ރައްޔިތުން ނިކުމެ މާލޭގެ މަގުތައް ފުރާލާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އެ ކުންފުނި ހިންގެވި ދުވަސްވަރު ހިންގާފައި ހުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން އޮޑިޓު ރިޕޯޓަކުން ދާދިފަހުން ވަނީ ފަޅާއަރުވާލާފަ އެވެ. އަދި ކްރިމިނަލް ކޯޓުން މިއަދު ވަނީ ދައުލަތުން ސައީދުގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ 4 އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މުދާވެރިކަން ލިބޭތޯ ސުދާރާ ގުދުވެގެން އޮވެ އޮޑިޓާ ޖެނެރަލް ނިޔާޒީ ކިތަންމެ ރިޕޯޓެއް ނެރުނަސް، ކިތަންމެ ހަރާމް ހުކުމެއް ޖެހިޔަސް، އޮކްޓޯބަރު 3 ގައި މާލޭގެ މަގުތައް ރައްޔިތުން ފުރާލާނެ ކަމަށެވެ.
"މި ސަރުކާރު ފަސާދަ ނުވާ ކަމަކަށް ވެސް ނުވާނެ. ޓިނު ޖަހައި ބަންދުކުރިޔަސް ޖުމްހޫރީ މައިދާނަކީ ހުރިހާ ދިވެހިންނަށް ވެސް ހުޅުވާލެވިފައި އޮތް ތަނެއް،" ފައްޔާޒު ވިދާޅުވި އެވެ.
އޮކްޓޫބަރު 3 ގައި އެމްޑީޕީން "ލޫޓުވައިފި" ނަމުގައި މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އެމްޑީޕީން ވަނީ ފެނަކައިގެ އޮޑިޓް ރިޕޯޓަކީ އެމްޑީޕީގެ އެއްވުމަށް ލިބެމުންދާ ތަރުހީބު ފެނި ސަރުކާރަށް ގޮތްހުސްވެގެން ނެރުނު ރިޕޯޓެއް ކަމަށް ބުނެފަ އެވެ.
އެމްޑީޕީން ބުނީ މިފަދަ ރިޕޯޓެއް ނެރުނުއިރު އެ ކަމުގައި ޝާމިލުވާ މީހުންނާއި ކުންފުނިތަކާ އެއްވެސް ސުވާލެއް ކުރުމެއް ނެތި މި ރިޕޯޓު އާންމުކުރުމަކީ މިއީ ސިޔާސީ ބޭނުމެއްގައި ނެރެފައިވާ ރިޕޯޓެއްކަން ސާބިތުވާ ކަމެއް ކަމަށެވެ. އަދި މިއީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ ބޮލުގައި ސާބިތު ނުހިފޭ ދޮގު އިލްޒާމް އަޅުވައި އަގު ވައްޓާލުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށްވެސް ބުނެފައިވެ އެވެ.