ކޮރަޕްޝަން ހިންގާ މީހުންނަށް އެންމެ ހަރުކަށި އަދަބު ކަނޑައަޅަންޖެހޭ ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
އިސްގާޒީ މިހެން ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، އޭނާ 4 އަހަރަށް ޖަލަށްލާން ހުކުމް އިއްވަމުންނެވެ.
އެ މައްސަލައިގައި ސައީދުގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް ގާޒީ ނިންމީ އެ މައްސަލާގައި ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދިނުމަށެވެ.
އިސްގާޒީ އާދަމް މުހައްމަދު ވިދާޅުވީ ދައުލަތުގެ އިދާރާތަކުގައި މިއަދު ކޮރަޕްޝަން ހިންގުން އާންމު ކަމަކަށް ވެފައިވީ ނަމަވެސް އެފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ލިބޭ އަދަބަކީ އެ ހިންގާ އަމަލާ ބަލާއިރު ކުޑަ އަދަބެއް ކަމަށެވެ. އޭގެ ސަބަބުން އެފަދަ އަމަލުތައް ހިންގުމަށް ހިތްވަރު ލިބޭ ކަމަށްވާއިރު، އެފަދަ އަމަލުތައް ހިންގާ މީހުންނަށް އެންމެ ހަރުކަށި އަދަބު ކަނޑައަޅަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރީ 2018 އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދާއިދީފައިވާ މައްސަލައަކާ ގުޅިގެން ސައީދަށް އުފުލި ދައުވާއެއްގެ މައްސަލައެކެވެ.
ޕީޖީ އޮފީހުން ބުނީ ފެނަކައިގެ ކުރީގެ މެނޭޖްމަންޓުގެ މި އަމަލުގެ ސަބަބުން އެ ކުންފުންޏަށް 848,000 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
މި މައްސަލާގައި ސައީދުގެ އިތުރުން އޭރު އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށް ވެސް ދައުވާކޮށްފައިވެ އެވެ.
ސައީދުގެ މައްޗަށް ހިޔާނާތުގެ އިތުރު މައްސަލައެއްގައި ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އެ ދައުވާ އުފުލާފައިވަނީ ލ.މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް، އެ ކުންފުންޏަށް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނާ މައްސަލައިގަ އެވެ.