Last Updated: July 6, 06:00
Monday, July 6, 2026
ޚަބަރު

މިދިޔަ ހަފްތާގައި ބްރިޖާއި ހައިވޭގައި 46 އެކްސިޑެންޓް

ސިނަމާލެ ބްރިޖު

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ބްރިޖާއި ހައިވޭގައި 46 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުން އެނގޭ ގޮތުގައި 21 އިން 27 ވަނަ ދުވަހުގެ ނިޔަލަށް ބްރިޖާއި ހައިވޭގައި ހިނގި 46 އެކްސިޑެންޓުގެ ތެރޭގައި ގިނައީ ސައިކަލާއި ކާރު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓުތަކެވެ. އެގޮތުން އެފަދަ 11 އެކްސިޑެންޓެއް މިދިޔަ ހަފްތާގައި ހިނގާފައިވެ އެވެ.

މިދިޔަ ހަފްތާގައި ދެން އެންމެ ގިނައިން ހިނގާފައިވަނީ ސައިކަލާއި ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓުތަކެވެ. އެފަދަ 8 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓުތައް އެންމެ ގިނައިން ހިނގީ ދުވާލުގެ ވަގުތުތަކުގައި ކަމަށެވެ. ދުވާލު ވަގުތު 29 އެކްސިޑެންޓު ހިނގާފައި ވާއިރު ރޭގަނޑު ހިނގި އެކްސިޑެންޓުގެ ގޮތުގައި ރިޕޯޓުކުރީ 17 އެކްސިޑެންޓެވެ.

އެ އެކްސިޑެންޓުތަކުގައި ތިން މީހަކަށް ސީރިއަސް އަނިޔާ ވެފައިވެ އެވެ. އަދި 43 މީހަކަށް އެކި ވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކްސިޑެންޓުތަކުގައި 45 ވެހިކަލަކަށް އެކި ކަހަލަ ގެއްލުންތައް ވެސް ވެފައިވެ އެވެ.