އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފަހު ވަގުުތު 2-1 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް އާސެނަލުން މުހިއްމު މޮޅެއް ހޯދައިފި އެވެ.
މި މޮޅާއެކު ހަ މެޗުން ލިބުނު 13 ޕޮއިންޓާ އެކު އާސެނަލް އޮތީ ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި ހަ މެޗުން 15 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ.
ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު އާސެނަލުން ނިއުކާސަލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، އެ ހަމަލާތައް ދިފާއުކުރުމުގައި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 34 ވަނަ މިނެޓްގައި ކާމިޔާބުކުރީ ނިއުކާސަލުންނެވެ. ސަންޑްރޯ ޓޮނާލީ އާސެނަލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން މި ގޯލު ނިއުކާސަލަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ނިކް ވޮލްޓަމާޑޭ އެވެ.
ދެވަނަ ހާފުގައި ނިއުކާސަލުން ވަރަށް ބޮޑަށް ފަހަތަށް ޖެހިލައިގެން ކުޅުނުއިރު، އާސެނަލުން ބަދަލުތަކެއް ގެނެސްގެން ދިޔައީ ނިއުކާސަލްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ 84 ވަނަ މިނެޓްގައި އާސެނަލަށް ނަތީޖާ އެއްވަރުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި މިކޭލް މެރީނޯ އެވެ. މިއީ ޑެކްލަން ރައިސް ހުރަސްކޮށްލި ބޯޅައަލުން މެރީނޯ ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުން އާސެނަލް މޮޅުވި ގޯލުގެ މެޗުގެ އިތުރު ވަގުތުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ގެބްރިއަލް އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ މާޓިން އޮޑެގާޑް ނިއުކާސަލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެންނެވެ.