ރެއާލް ސޮސިއެޑާޑް 2-1 އިން ބަލިކޮށް ސްޕެނިޝް ލީގުގެ އެއްވަނަ އަށް ބާސެލޯނާ ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތީ ހަތް މެޗުން 19 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް މެޑްރިޑަށް ވަނީ ހަތް މެޗުން 18 ޕޮއިންޓް ލިބިފަ އެވެ.
ސޮސިއެޑާޑް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑުނެގީ ސޮސިއެޑާޑުންނެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ 31 ވަނަ މިނިޓްގައި އަލްވާރޯ އޮޑްރިއޮޒޯލާ އެވެ. މިއީ ސޮސިއެޑާޑްގެ އަންޑެއާ ބެރެންޓެކްސެއާ ތަނަވަސްކޮށްދިން ފުރުސަތަކުން އޮޑްރިއޮޒޯލާ ޖެހި ގޯލެކެވެ.
ބާސެލޯނާ އިން އެއްވަރުކުރީ މެޗުގެ 44 ވަނަ މިނެޓްގަ އެވެ. މިއީ މާކަސް ރަޝްފޯޑް ކޯނަރަކުން ނަގައިދިން ބޯޅައަކުން ޖޫލްސް ކޫންޑޭ ޖެހި ގޯލެކެެވެ. އަދި މެޗުގެ 58 ވަނަ މިނެޓްގައި ރޮބަޓް ލެވެންޑޯސްކީގެ ގޯލުން ބާސާއިން ވަނީ ލީޑު ނަގައިފަ އެވެ. މި ގޯލު ލެވެންޑޯސްކީ ކާމިޔާބުކުރީ ދެވަނަ ހާފުގައި ކުޅެން އެރި ލަމީން ޔަމާލް ދިން ބޯޅައަކުން ޖެހި ގޯލެކެވެ.
ނަތީޖާ އެއްވަރުކޮށްލަން ސޮސިއެޑާޑަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެޓީމަށް އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތް ވަނީ ނުވެފަ އެވެ.