Last Updated: July 6, 06:00
Monday, July 6, 2026
ޚަބަރު

ސައީދަށް އިއްވި ހުކުމް އިސްތިއުނާފް ކުރަނީ

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރީ 2018 އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދާއިދީފައިވާ މައްސަލައަކާ ގުޅިގެން ސައީދަށް އުފުލި ދައުވާއެއްގެ މައްސަލައެކެވެ.

ޕީޖީ އޮފީހުން ބުނީ ފެނަކައިގެ ކުރީގެ މެނޭޖްމަންޓުގެ މި އަމަލުގެ ސަބަބުން އެ ކުންފުންޏަށް 848,000 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

ސައީދަށް އިއްވި ހުކުމާ ގުޅިގެން "ރާއްޖެޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ސައީދުގެ ގާނޫނީ ވަކީލު ނޫރުލް ސަލާމް ވިދާޅުވީ ފެނަކައިން ބްލޭޒަންއާއެކު އެއްބަސްވުން ހަދާފައިވަނީ ސައީދު މެނޭޖިން ޑިރެކްޓަރުކަމާ ހަވާލުވުމުގެ ކުރިން ކަމަށާއި އަދި ސައީދު މަގާމާ ހަވާލުވިއިރު ފެނަކަ އާއި ބްލޭޒަންއާ ދެމެދު މުއާމަލާތްތަކެއް ހިނގާފައިވުމުން އެކަމާ ގުޅިގެން ގާނޫނީ ވަކީލުންގެ ލަފާ ސައީދު ހޯއްދެވި ކަމަށެވެ.

އަދި ބްލޭޒަންއާއެކު ސެޓެލްމަންޓް އެއްބަސްވުމަކަށް ނުގޮސް، ބްލޭޒަން އިން ކޯޓަށް ގޮސްފިނަމަ އެ ކުންފުންޏަށް ފެނަކައިން ދޭންޖެހޭ ފައިސާގެ އަދަދު މާބޮޑު ވެދާނެ ކަމަށް ފެނަކައިގެ އޭރުގެ ވަކީލުން ލަފާދިން ކަމަށާއި، އެ ލަފާގެ މަތިން ސައީދު ނިންމީ ސެޓެލްމަންޓް އެއްބަސްވުމަކަށް ދިޔުމަށް އޭނާ ވިދާޅުވި އެވެ.

"ސެޓެލްމަންޓް އެއްބަސްވުމަކަށް ގޮސްފައި އޮތްއިރު ފާހަގަކުރެވޭ ކުރީގެ އެއްބަސްވުމުގެ ދަށުން ފެނަކައިން ދޭންޖެހޭ އަދަދަށްވުރެ ވެސް އަދަދު ކުޑަކޮށްފައި، އަދި އިތުރަށް ބްލޭޒަން އިން މަސައްކަތް ވެސް ކުރަންޖެހޭ ގޮތަށް ސެޓްލްމަންޓް އެއްބަސްވުމަކަށް ގޮސްފައި އޮތީ،" ނޫރުލް ސަލާމް ވިދާޅުވި އެވެ.

ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށާއި އަދި ސައީދުގެ މައްޗަށް ކަނޑައެޅީ ދައުލަތުން އެދުނު ވަރަށް ވުރެ ވެސް ބޮޑު އަދަބެއް ކަމަށް ވަކީލު ވިދާޅުވި އެވެ.

ސައީދުގެ މައްޗަށް ހިޔާނާތުގެ އިތުރު މައްސަލައެއްގައި ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އެ ދައުވާ އުފުލާފައިވަނީ ލ.މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް، އެ ކުންފުންޏަށް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނާ މައްސަލައިގަ އެވެ.