Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

އަހާންގެ 2 ވަނަ ފިލްމު އަލީއާ އެކު

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ދާދި ފަހުން ގެނެސްދިން ފިލްމު "ސައްޔާރާ" އިން ތައާރަފުވެ ބޮޑު މަޝްހޫރު ކަމެއް ލިބުނު ޒުވާން އެކްޓަރު އަހާން ޕާންޑޭ، އެ ސްޓޫޑިއޯގެ ދެވަނަ ފިލްމަކަށް ސޮއިކޮށްފި އެވެ.

ޕިންކްވިލާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފިލްމަކީ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ހަދަން ނިންމާފައިވާ ރޮމޭންޓިކް އެކްޝަން ފިލްމެކެވެ. އޭނަ އަކީ ވައިއާރްއެފްގެ "މޭރޭ ބްރަދާ ކީ ދުލްހަން" އާއި "ގުންޑޭ" އާއި "ސުލްތާން" ގެ އިތުރުން "ޓައިގާ ޒިންދާ ހޭ" ގެނެސްދިން ޑައިރެކްޓަރެކެވެ.

އަލީގެ އެންމެ ފަހުގެ ފިލްމަކީ ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓަށް މިދިޔަ އަހަރު ގެނެސްދިން އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފްގެ "ބަޅޭ މިޔާ، ޗޯޓޭ މިޔާ" އެވެ.

ޕިންކްވިލާ އިން ބުނީ އަހާންއާ އެކު އަލީ ހަދަން ނިންމާފައިވާ ފިލްމުގެ ސްކްރިޕްޓް މިހާރު ފައިނަލްކޮށްފައިވާ އިރު، ފިލްމުގެ މިއުޒިކާ ގުޅޭ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ފިލްމުގެ ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ނަމަވެސް ވައިއާރްއެފްގެ ދެވަނަ ފިލްމަކަށް އަހާން ސޮއިކުރިކަން އެ ސްޓޫޑިއޯ އިން އަދި ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އުންމީދީ އެކްޓަރަކަށް ޑައިރެކްޓަރު/ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއް ވެސް ހުށަހަޅާފައިވެ އެވެ.

ވައިއާރްއެފްގެ ދެވަނަ ފިލްމަކަށް އަހާން ސޮއިކުރި ވާހަކަ ދެކެވެން ފެށި އިރު، "ސައްޔާރާ" ގެ ބަތަލާ އަނީތު ޕައްޑާ ވެސް އެ ސްޓޫޑިއޯގެ ދެވަނަ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އަދި އެއީ މަނީޝް ޝަރުމާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ރޮމޭންޓިކް ކޮމެޑީއެެއް ކަމަށްވެ އެވެ.