Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ހަވާލު ނުވާ ޕާސްޕޯޓްތައް ކެންސަލް ކުރަނީ

ހަވާލު ނުވެ ހުރި ޕާސްޕޯޓުތައް ޑިސެމްބަރު މަހުގެ ނިޔަލަށް ނެގުމަށާއި އެ މުއްދަގައި ނުނަގާ ނަމަ ކެންސަލްކުރާނެ ކަމަށް، އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓު ހެއްދުމަ ށްފަހު، ޕާސްޕޯޓުގެ ވެރިފަރާތުން ގިނަ ދުވަސްތަކެއް ވަންދެން އެއާ ހަވާލުނުވާކަން އެ ޚިދުމަތަށް ފާހަގަވެފައިބާ ކަމަށެވެ.

އެހެންވެ ޕާސްޕޯޓު ހެއްދިތާ ހަ މަހަށް ވުރެ ގިނަ ދުވަސްވީ ފަރާތްތަކުން ޑިސެމްބަރު 31 ގެ ކުރިން ޕާސްޕޯޓު ނެގުމަށް އިލްތިމާސްކޮށްފައިވެ އެވެ. ނޫންނަމަ އެ ޕާސްޕޯޓުތައް ކެންސަލް ކުރާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮގަސްޓް މަހު 3،721 މީހަކު ޕާސްޕޯޓު ހައްދަން ހުށަހެޅި އިރު، 3،458 މީހަކަށް ޕާސްޕޯޓު ދޫކޮށްފައިވެ އެވެ. އެގޮތުން މެލޭޝިއާއިން 24 ޕާސްޕޯޓު، މާލެ ސަރަހައްދުން 2،619 ޕާސްޕޯޓު، އަދި އަތޮޅުތަކުން 815 ޕާސްޕޯޓު މިދިޔަ މަހު ދޫކުރި އެވެ.

އިމިގްރޭޝަނުން އަންނަނީ މުޅި ރާއްޖެ އަށް ޕާސްޕޯޓްގެ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މެލޭޝިއާ އަކީ ދިވެހި ޕާސްޕޯޓް ހަދައި ދޭން ފެށި ފުރަތަމަ ގައުމެވެ. މީގެ އިތުރުން އިންޑިއާ، ސްރީ ލަންކާ އަދި އިނގިރޭސިވިލާތުން ވެސް އެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން އޮތީ ނިންމައިފަ އެވެ.