Last Updated: June 6, 09:11
Saturday, June 6, 2026
ޚަބަރު

ޓްރެފިކް ޕޮލިސް ފޯރަމް ފަށައިފި

ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަނުން ކުރިއަށް ގެންދާ 'ޓްރެފިކް ޕޮލިސް ފޯރަމް' ފަށައިފި އެވެ.

ފޯރަމް ފައްޓަވައި ދެއްވީ މާލެ ޕޮލިސް ހެޑް، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އާސިމް އަބްދުﷲ އެވެ.

މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމްގެ މަގުސަދަކީ މާލެ ސަރަހައްދުގައި ޓްރެފިކް ފުލުހުންގެ މަސައްކަތްތައް ހަރުދަނާކޮށް ރައްޔިތުން އެދޭފަދަ ހިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމާއި ޓްރެފިކް މެނޭޖުކޮށް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެފަދަ ކަންކަން ހައްލުކުރުމަށްޓަކައި ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމެވެ.

އެގޮތުން ފޯރަމުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށް ބަދަލު ކުރެވޭ މައުލޫމާތުތަކުގެ އަލީގައި، އުންމީދުކުރާ ނަތީޖާ ހާސިލުކުރުމުގެ ގޮތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމުގައި ހުރި މުހިންމު ގޮންޖެހުންތައް ދެނެގަންނަން ފަސޭހަވެގެން ދާނެ ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ.