ބަރުޞީޞާ އަކީ ބަނީ އިސްރާއީލުގެ ރާހިބެކެވެ. އޭނާ އަކީ އެޒަމާނުގެ އެންމެ އަޅުވެރި އަދި އެންމެ ޒުހުދުވެރި މީހާ އެވެ. ބުނެވޭ ގޮތުގައި އޭނާ 60 އަހަރު ވަންދެން އެއްވެސް ކަމެއްގައި މާތް ﷲ އަށް އުރެދުމެއް ނެތި އަޅުކަން ކުރިއެވެ. ބަނީ އިސްރާއީލުގެ ތިން ޒުވާނުން މާތް ﷲ ގެ މަގުގައި ޖިހާދުކުރަން ބޭނުންވި އެވެ.
އެ މީހުންގެ އަންހެން ކޮއްކޮއަކު ހުއްޓެވެ. އެމީހުން ބުންޏެވެ. އަހަރެމެން އަންހެން ކޮއްކޮ އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށް ބަހައްޓާނީ ބަރުޞީޞާގެ ގާތުގަ އެވެ. ދެން އެމީހުން ގޮސް އޭނާ އަށް މިކަން ހުށަހެޅުމުން، އޭނާ ވަރަށް ބޮޑަށް އެކަމާ އިންކާރުކުރި އެވެ. ނަމަވެސް އެ މީހުން ވަރަށް ބޮޑަށް އެކަންކޮށް ދިނުމަށް އެދުމުން އެންމެ ފަހުން އެއްބަސްވި އެވެ. އެ މީހުން އޭނާ އަޅުކަން ކުރާ ތަނާ ކައިރީގައި އެ އަންހެން ކުއްޖާ އަށް ގެއެއް އެޅިއެވެ. އަދި އަޅުވެރިޔާ ބަރުޞީޞާއަށް ބުންޏެވެ. ތިބާ ކުރަންވީ ހަމައެކަނި އޭނާ އަށް ވަގުތުން ވަގުތަށް ކާން ދިނުމެވެ.
ދެން އެ އަޚުން ޖިހާދަށް ދިޔައެވެ. އަދި ބަރުޞީޞާ ކޮންމެ ދުވަހަކުވެސް އަންހެން ކުއްޖާ އަށް ކާނާ ގެނެސް އޭނާގެ ދޮރު ކައިރީގައި ބަހައްޓާފައި ދެ އެވެ. މިގޮތަށް ކޮންމެ ދުވަހަކު ވެސް ކަންކަން ކުރަމުން ދިޔައެވެ. އެއް ދުވަހަކު ޝައިޠާނާ އޭނާ އަށް ވަސްވާސްދީ އެ އަންހެން ކުއްޖާއާ ވާހަކަ ދައްކައި، އޭނާގެ ބޭނުންތައް އަހާލުމަށް ބުންޏެވެ. ދެން އެމީހުން ދޮރުގެ ދެ ފަރާތުގައި ތިބެ މަދުމަދުން ވާހަކަ ދައްކަން ފެށި އެވެ.
ދެން އަނެއްކާ ވެސް ޝައިޠާނާ އޭނާއަށް ވަސްވާސްދީ ދޮރުގައި ޓަކި ޖަހާފައި އެ ގޭ ތެރެއަށް ވަދެ އަންހެން ކުއްޖާގެ ޙާލު ބަލައި ވަނުމަށް ވަސްވާސް ދިނެވެ. ދެން އަޅުވެރިޔާ އެ ގޭގެ ދޮރުގައި ޓަކިޖަހާފައި ގޭތެރެއަށް ވަނެވެ. އަދި އޭނާގެ ރީތިކަމާއި ފުރިހަމަކަން ދެކެ އޭނާދެކެ ލޯބިވެއްޖެ އެވެ.
މިގޮތުގައި އެތައް ދުވަހެއް ވަންދެން، އަންހެންކުއްޖާއާ ވާހަކަ ދައްކަމުން ދިޔައެވެ. މިހެން ދިޔަ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ޝައިޠާނާގެ ވަސްވާހުގައި ޖެހި އޭނާއާ އެކު ޒިނޭ އަށް އަރައިގަތެވެ. މި ނުބައި ޢަމަލަށް އަރައިގަތުމަށް ފަހު ބަރުޞީޞާ އޭނާގެ ވެރިރަސްކަލާނ ގެއަށް އަސްތިޣުފާރު ކުރަން ފެށިއެވެ. އެއްދުވަހަކު އެ އަންހެންކުއްޖާ އޭނާގެ ގާތުގައި ބަލިވެއިން ވާހަކަ ބުންޏެވެ. މި ވާހަކަ އަޑުއިވުމުން ކުރާނެ ނުކުރާނެ ކަމެއް ނޭނގި ކުއްލި ސިހުމެއްލިބުނެވެ. އަންހެން ކުއްޖާ ދުވަސްފުރައި ވިހައި، ރޮމުން ހާސްވެފައި ހުރެ ބަރުޞީޞާގެ ގާތަށް އެ ކުއްޖާގެނައެވެ. ބަރުޞީޞާ މީސްތަކުންގެ ވާހަކަތަކާއި އަބުރު ގެއްލިގެން ހިނގައިދާނެތީ ބިރުގަތެވެ. އެހެނީ އޭނާއަކީ މަޝްހޫރު އަޅުވެރިޔެކެވެ. ދެން ޝައިޠާނާ އޭނާއަށް ޒީނަތްތެރިކޮށް ދިނީ މަރާލުމަށެވެ.
މިގޮތުން މި ބަރުޞީޞާ ޒިނޭކޮށް އަދި ކުށެއްނެތް ކުއްޖަކު މަރާލި މީހަކަށް ވެއްޖެއެވެ.\
އަދި އެ އަންހެން ކުއްޖާގެ އަޚުން ޖިހާދުން އެނބުރި އައުމުގެ ވަގުތު ކައިރިވަމުން އައި ހިނދު، ޝައިޠާނާ އޭނާ އަށް ވަސްވާސް ދިނީ އޭނާގެ ސިއްރުތައް ހާމަވެދާނެތީ އަންހެން ކުއްޖާ ވެސް މަރާލުމުގެ ޚިޔާލެވެ. ދެން އޭނާ އެ އަންހެން ކުއްޖާ ގޮވައިގެން ކުޑަކުއްޖާ މަރާލި ތަނަށް ގޮސް، އަންހެން ކުއްޖާ މަރާލުމަށް ފަހު ދަރިފުޅު ވަޅުލި ތަނުގައި އަންހެން ކުއްޖާ ވެސް ވަޅުލި އެވެ. އަދި އޭނާގެ އަޚުން އައުމުން އެ މީހުންނަށް ހިތާމަ އާއި ހިތްދަތިކަން ދައްކައި، އެމީހުންގެ އުޚުތު ބަލިމަޑުކަމެއްގައި މަރުވެއްޖެ ކަމަށް ބުންޏެވެ. އެހެންކަމުން އެއަޚުން އެކަމާ ހިތާމަކޮށް ރޮއި ހެދި އެވެ.
އެމީހުން ބަރުޞީޞާ އަކީ ތެދުވެރި އަޅުވެރިއެއްކަމަށް ޤަބޫލުކޮށް، އޭނާއާމެދު ހިތްހެޔޮ ކުރުމަށްފަހު އެމީހުންގެ ގެތަކަށް އެނބުރި ދިޔައެވެ.
އެ ރޭ އެ އަޚުން ނިދާފައި ތިއްބާ، ޝައިޠާނާ ހުވަފެނުގައި އައިސް ބުންޏެވެ. "ހަމަކަށަވަރުން ބަރުޞީޞާ ތިޔަބައި މީހުންގެ އުޚުތަށް މިވެނި އެވެނި ކަމެއް ކޮށްފިއެވެ. އަދި އެކަން ކުރުމަށްފަހު ބަނޑުބޮޑުވުމުން އޭނާ އާއި ދަރިފުޅު މަރާލައި، މިވެނި ފަރުބަދައެއްގައި މަތީގައި ވަޅުލައިފިއެވެ." އަދި ހެނދުނު ކޮންމެ މީހަކު ވެސް އޭނާގެ އަޚަށް އެ ވާހަކަ ކިޔައިދިނެވެ. އެމީހުންގެ ހުވަފެން އެއްގޮތްވުމުން އެ މީހުން އަޖައިބުވެ، އެކަމުގެ ބޮޑުކަމާމެދު ވިސްނަން ފެށި އެވެ.
ދެން އެމީހުން ގޮސް އެމީހުންގެ އުޚުތު ގަބުރު ކޮނެގެން ނެނގިއެވެ. ގަބުރު ކޮނުނު އިރު މަރާލެވިފައިވާ ކޮއްކޮގެ ގާތުގައި އޭނާގެ ތުއްތު ދަރިފުޅުވެސް ވަޅުލައިފައި އޮތެވެ. އެހެންކަމުން އެމީހުން ބަރުޞީޞާ ޢާބިދުގެ ގާތަށް ގޮސް އޭނާގެ ކިބައިން ބަދަލުހިފުމަށްޓަކައި، އޭނާގެ ފައްޅި ތަޅާލައި، އޭނާ އަނިޔާކުރި އެވެ. އަދި ރަސްގެފާނުގެ އަރިހަށް ގެންގޮސް، އޭނާ ކުރި ކަންތައްތަކަށް އިޢުތިރާފުވުމުން، ރަސްގެފާނު އޭނާ މަރާލުމަށް އަމުރު ކުރެއްވި އެވެ.
އަދި ދަންޖެއްސުމުގެ ޙުކުމް ތަންފީޒުކުރުމުގެ ކުރުމުގެ ކުޑަހިނދުކޮޅެއް ކުރިން ޝައިޠާނާ އޭނާގެ ގާތަށް ގޮސް ބުންޏެވެ. ތިބާ މިކަމުގައި ޖެއްސީ ތިމަންނައެވެ. އަދި ތިމަންނަ ފިޔަވައި އެހެން އެއްވެސް މީހަކަށް ތިބާ ތިކަމުން ސަލާމަތެއް ނުކުރެވޭނެ އެވެ. އެހެންކަމުން ތިބާ ތިމަންނާއަށް އެންމެ ސަޖިދައެއް ކޮށްލާށެވެ. އޭރުން ތިމަންނަ ތިބާ ތިކަމުން ސަލާމަތްކޮށްދޭނަމެވެ. ދެން ބަރުޞީޞާ މާތް ﷲ ފިޔަވައި އިބިލީހަށް ސަޖިދަކުރިއެވެ. އެ ހިނދު އިބުލީސް އޭނާއަށް ބުންޏެވެ. އޭ ބަރުޞީޞާއެވެ. މިއީ ތިމަންނަ ތިބާގެ ކިބައިން އެދުނު ކަމެކެވެ.
ތިބާގެ ކަންތަކުގެ ނަތީޖާއަކަށްވީ ތިބާ ތިބާގެ ވެރިރަސްކަލާނގެއާ ޝަރީކުކުރުމެވެ. ތިމަންނަ ތިބާގެ ކިބައިން ބަރީއްޔަ ވަމެވެ. ހަމަކަށަވަރުން ތިމަންނަ ޢާލަމްތަކުގެ ވެރި މާތް ﷲ އަށް ބިރުވެތިވަމެވެ!" އަދި މިހެން ބުނުމަށްފަހު ބަރުޞީބާގެ ކަންތައް ވާނެގޮތަކަށް ވާން ދޫކޮށްލިއެވެ. ދެން ބަރުޞީޞާ މަރާލެވުނީ ޒިނޭކުރި މީހެއްގެ ގޮތުގައެވެ. މިހަކު ގަތުލުކުރި މީހެއްގެ ގޮތުގައެވެ. ދޮގު ހަދާ މީހެއްގެ ގޮތުގަ އެވެ. އަދި އެ ޤައުމުގައި ހުރި އެންމެ ނުބައި މީހާގެ ގޮތުގައެވެ. އަދި އެންމެ ފަހުން އާޚިރުގައި މާތްﷲ އާ ޝަރީކުކުރި މީހެއްގެ ގޮތުގައެވެ.
މިގޮތުން، އަހަރެމެންނަށް ފެނިގެން ދިޔައީ، ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލުނު މީހެއްގެ އާޚިރު ނަތީޖާއެވެ. ނުހަނު ބޮޑު އަޅުވެރި އަޅުވެރިޔަކަށް ވުމާއެކުވެސް ޝައިޠާނާގެ ވަސްވާހުގައި ހުރިހާ ވައްތަރެއްގެ ނުބައިކަމަކަށް އަރައިގަތެވެ. އެހެންކަމުން، އަޅުގަނޑުގެ ނަފްސާއި ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ވަޞިއްޔަތް ކުރަނީ މާތްﷲ އަށް ތަޤްވާވެރިވުމަށާއި، ޝައިޠާނާގެ ފިޔަވަޅުތަކުން ދުރުހެލިވުމަށެވެ. އަދި ފުރަތަމަ ފިޔަވަޅުން ފެށިގެން އެ ކަންތައްތައް ދޫކޮށްލުމަށެވެ. މާތް ﷲ އީ ތައުފީޤު ދެއްވާ އަދި އެހީތެރިވެވޮޑިގަންނަވާ ސީދާވެގެންވާ މަގަށް ހިދާޔަތް ދެއްވާ ފަރާތެވެ.
މާތް ﷲ އަހަރެމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނަށާއި، އެކަލޭގެފާނުގެ އެންމެހައި ޞަޙާބީންނަށް ޤިޔާމަތާ ޖެހެންދެން ހެޔޮ ގޮތުގައި ތަބަޢަވީހައި ބަޔަކު މިޞަލަވާތާއި ސަލާމުގައި ޝާމިލުކުރައްވާށިއެވެ.
ނޯޓް: މިއީ ޝެއިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.