Last Updated: July 6, 05:48
Monday, July 6, 2026
ޚަބަރު

ނަޝީދު އިސްވެ ކޮރަޕްޝަނާ ދެކޮޅު ކޮންފަރެންސެއް ބާއްވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު-

ކޮރަޕްޝަނާއި މަގާމުގެ ނާޖާއިޒް ފައިދާ ނަގައި، ދައުލަތުގެ ހަޒާނާއިން ވައްކަންކުރާ މައްސަލައާމެދު މަޝްވަރާކުރުމަށް "ކޮންފަރެންސެއް" ބާއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

ނަޝީދުގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިއީ، އެކި ސަރުކާރުތަކުގައި ހިންގާފައިވާ ކޮރަޕްޝަންތަކާއި މަގާމުގެ ބޭނުން ނަމަހަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ބަލައި ތަހުލީލު ކުރުމަށް ބާއްވާ ކޮންފަރެންސެއް ކަމަށެވެ.

ގާނޫނީ ތަޖުރިބާކާރުންނާއި މަދަނީ މުޖުތަމަޢުގެ ލީޑަރުންނާއި ނޫސްވެރިންނާއި ބައިވެރިވާ މި ކޮންފަރެންސްގައި ފުޅާ ދާއިރާއެއްގައި ކޮރަޕްޝަންގެ އަމަލުތަކަށް ނަޒަރު ހިންގައި، ގަނޑަކަށް ތިރިކުރެވޭނެ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި މި ކޮންފަރަންސްގައި ވިސްލްބްލޯވަރުންނާއި ކޮރަޕްޝަންގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހެކިބަސް ނަގާނެ ކަމަށް ވެސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

ހަމައެއާއެކު ކޮންފަރެންސުގައި ލިޔެކިޔުން މުތާލިޔާކޮށް، ބަލައި، ގާނޫނީ އިޞްލާޙުތަކާއި ދެފުށްފެންނަ އިޖުރާޢަތުތަކާއި އުޞޫލުތައް އަދި ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން އިސްތިރާޖީ މަޝްވަރާތައް ކުރާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

މި ކޮންފަރެންސާ ގުޅުވައި ނަޝީދު ވިދާޅުވީ، ކޮރަޕްޝަނަކީ ހަމައެކަނި ފައިސާތަކެއް ވަގަށް ނެގުމާ ގުޅޭ ކަމެއް ނޫން ކަމަށެވެ. އެ 'ވައްކަމުގައި' ރައްޔިތުންގެ ކިބައިން ފޭރިގަނެވެނީ އަބުރާއި އިންސާފާއި އިއްޒަތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ކޮންފަރަންސަކީ ދިވެހިރާއްޖޭގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަމާއި އިތުބާރު އިޔާދަކުރުމަށާއި ޕަބްލިކް އޮފިޝަލުން ކުރެން އިތުބާރު ގެއްލިފައިވާ ފަރާތްތައް ޒިންމާދާކުރުވުމަށް ހިންގާ ފުޅާ މަސައްކަތެއްގެ ތެރެއިން ބައެއް" ނަޝީދާ ހަވާލާދީ އެ އޮފީހުން ބުންޏެވެ.

މި ކޮންފަރެންސަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރީގެ ގަވަރުނަރު އަދި ކުރީގެ ފައިނޭންސް މިނިސްޓަރުގެ ޢަލީ ހާޝިމާއި، އިކޮނޮމިކް ޑެވަލޮޕްމަންޓްގެ ކުރީގެ މިނިސްޓަރުމަޙްމޫދު ރާޒީގެ ބައިވެރިވުމާ އެހީތެރިކަން ލިބޭނެކަން ނަޝީދުގެ އޮފީހުން ފާހަގަކުރިއެވެ.

މިއީ ޢާންމުންގެ ބައިވެރިވުމާއި ގާނޫނީ ވަކާލާތުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަތަކާ ދެކޮޅަށް ދެމެހެއްޓެނިވި ދިގު ރާސްތާގައި ފަށާ ޙަރަކާތެއްގެ ފެށުމެއް ކަމަށް އެ އޮފީހުން ބުނެއެވެ.

އެ އޮފީހުން ބުނީ، ކޮންފަރަންސް ބާއްވާ ތަނާއި ތާރީޚާއި އެޖެންޑާގެ އިތުރަށް ރެޖިސްޓާކުރާނެ ގޮތުގެ ތަފްޞީލު ކުރިއަށް ފަހުން އާންމުކުރާނެ ކަމަށެވެ.