Last Updated: July 6, 05:48
Monday, July 6, 2026
ދުނިޔެ

ގާޒާ ހަނގުރާމަ އޮތީ ނިމޭ ހިސާބުގައި: ޓްރަމްޕް

އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ހަނގުރާމައިގެ ނިމުން އޮތީ ވަރަށް ގާތުގައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އިއްޔެ ވަނީ ވައިޓް ހައުސްގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ގާޒާ ހަނގުރާމަ ނިމުމަކަށް ގެންނަން ގެންގުޅޭ ޕްލޭންއާ މެދު މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. އެ ޕްލޭނަށް ނަތަންޔާހޫ ތާއީދުކޮށްފައިވާއިރު، އެ ޕްލޭނާއި މެދު ހަމާސް ޖަމާއަތުން ވަކި އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ.

އެ ޕްލޭނުގައިވާ ގޮތުން ހަމަލާތައް ނިމުމަކަށް ގެނައުމާއެކު، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ ހުރިހާ އަސީރުން މިނިވަންކުރުން ހިމެނެ އެވެ. އަދި ގާޒާގައި ވެރިކަން ހިންގުމުގެ އެއްވެސް ދައުރެއް ހަމާސްއަށް ނޯންނާނެ ކަމަށާއި ހަމާސް އިން ހަތިޔާރުތައް ބަހައްޓަންޖެހޭއިރު، އެ ޖަމާއަތުން ހަތިޔާރުތައް އުފައްދާ ފެސިލިޓީތައް ބިމާ ހަމަކުރުން ވެސް އެ ޕްލޭނުގައި ވެ އެވެ.

ވައިޓްހައުސްގައި އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ވިދާޅުވީ ހަނގުރާމައިގެ ނިމުން އޮތީ ވަރަށް ގާތުގައި ކަމަށާއި މި ޕްލޭނަށް ހަމާސް ފިޔަވައި އެހެން ހުރިހާ އެންމެން ވެސް ރުހުން ދީފައިވާ ކަމަށެވެ. އަދި ހަމާސް އިން މި ޕްލޭނަށް ރުހުން ނުދީފިނަމަ އެ ޖަމާއަތާ ދެކޮޅަށް އިޒްރޭލުން ކުރާ ކަންކަމަށް އެމެރިކާ އިން ފުރިހަމައަށް އެއްބާރުލުންދޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ހަމާސްގެ އިސް އޮފިޝަލަކު "އަލްޖަޒީރާ"އާ ވާހަކަދައްކަމުން ވަނީ ޓްރަމްޕުގެ ޕްލޭން އަދި މިހާތަނަށް އެ ޖަމާއަތަށް ލިބިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 65،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.