އެމެރިކާ ސަރުކާރުން އެމްއެންޑީއެފަށް ޚާއްޞަ އޮޕަރޭޝަންތަކަށް ބޭނުންވާ ސީޓީ އިކުއިޕްމަންޓް ހަދިޔާކޮށްފި އެވެ.
ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ ފަރާތުން އެމްއެންޑީއެފާ މި އިކުއިޕްމަންޓް ހަވާލުކޮށްދެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހޫގޯ ޔޮން އެވެ. އެމްއެންޑީއެފްގެ ފަރާތުން އިކުއިޕްމަންޓާ ހަވާލުވެލެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.
އެމެރިކާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއަށާއި އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕަށް ބޭނުންވާ ކޮމްބެޓް ޑައިވިންގ އިކުއިޕްމަންޓާއި، ޕަރސަނަލް ގިޔަރގެ އިތުރުން، އޮޕަރޭޝަނަލް އިކުއިޕްމަންޓް ހިމެނެ އެވެ.
މި އިކުއިޕްމަންޓުގެ ސަބަބުން، އެމްއެންޑީއެފްގެ ޚާއްޞަ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލުކަން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެމެރިކާ ސަފީރު ހޫގޯ ޔޮން ވަނީ، ދެ ޤައުމުގެ ދިފާޢީ ހަރުދަނާ ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ސަލާމަތީ ކަންކަމަށް އެމެރިކާގެ ފަރާތުން ވެދެމުންދާ އެހީތެރިކަން ކުރިއަށް އޮތް ތަނުގައި ވެސް ދެމިގެންދާނެ ކަމުގައި ވިދާޅުވެފަ އެވެ.
ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ ދެއްކެވި ވާހަކަފުޅުގައި، އެމެރިކާއިން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ. އަދި، އެ އިކުއިޕްމަންޓުގެ ސަބަބުން އެމްއެންޑީއެފްގެ ހަރަކާތްތެރިކަމާއި ޤާބިލުކަން އިތުރުވެގެންދާނެ ކަމަށާއި، މިފަދަ އެހީތެރިކަމަކީ ރާއްޖޭގެ ދިފާޢީ ގާބިލުކަން އިތުރުކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމުގައި ވެސް ވިދާޅުވި އެވެ.