Last Updated: June 6, 09:11
Saturday, June 6, 2026
ޚަބަރު

ރާއްޖެ އިސްލާމްވުމަށް ބިނާކޮށް ކުޑަކުދިންގެ ވާހަކަ ފޮތެއް

ރާއްޖެ އިސްލާމްވި ހާދިސާ އަށް ބިނާކޮށް ކުޑަކުދިންނަށް ހާއްސަ ވާހަކަ ފޮތެއް ބޭރުގެ ލިޔުންތެރިޔަކު ނެރެފި އެވެ.

"މަލްދީފިއްޔަން ޖަޒީރަތުއްނޫރު" ގެ ނަމުގައި އަރަބި ބަހުން ލިޔެ، މިހާރު އިނގިރޭސި ބަހުން ވެސް ލިބެން ހުރި ފޮތް ނެރެފައި ވަނީ މި މަހުގެ 22-26 އަށް ޔޫއޭއީގެ ޝާރުޖާގައި ކުރިޔަށް ދިޔަ، "ޝާރުޖާ ނެރޭޓަސް ފޯރަމް" ގަ އެވެ.

ޝާރުޖާގެ ހެރިޓޭޖު އިންސްޓިޓިއުޓުން ނެރުނު ވާހަކަ ލިޔުނީ ޔޫއޭއީގެ ލިޔުންތެރިއެއް ކަމަށްޗާ ނޫރާ ޚައްޔާލެވެ. އެ ވާހަކައިގެ ކޮޕީއެއް "ޝާރުޖާ ނެރޭޓަސް ފޯރަމް" ގައި ބައިވެރިވެވަޑައިގަތް ރާއްޖޭގެ ހެރިޓޭޓް މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމަށް ވެސް ހަދިޔާކޮށްފައިވެ އެވެ.

އެ ހަފުލާގައި ލިޔުންތެރިޔާ ނޫރާ ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަހާއި އޭނަގެ އުފަން ދުވަހަކީ އެއް ދުވަހެއް ކަމަށެވެ. އަދި އެ ފޮތް ނެރެ މިނިސްޓަރަށް ހަދިޔާކުރެވުނީ މި އަހަރުގެ ރާއްޖެ އިސްލާމްވީ ދުވަހު ކަމަށްވާތީ އެކަމަށްޓަކައި ވަރަށް އުފާކުރައްވާ ކަމަށް ވިދާޅުވި އެވެ.

ނަޞީރު ވަނީ ރާއްޖެއާ ބެހޭ އެހާ މުހިންމު ވާހަކައެއް ލިޔުއްވީތީ، އެ ކަމަށްޓަކައި ނޫރާ އަށް ޝުކުރު ވެސް އަދާކުރައްވާފައެވެ. އަދި ރާއްޖެ ރަމްޒުވާ ބައެއް ހަނދާނީ ހަދިޔާ ވެސް އޭނަ އަށް ހަދިޔާކުރެއްވި އެވެ.