Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އޭސީސީ ނާގާބިލު، ބަރުހެލި: ޝަމީމު

ރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މިހާރުގެ ހާލަތަށް ބަލާ އިރު، އެ ކޮމިޝަނަކީ ނާގާބިލު، ބަރުހެލި ކޮމިޝަނެއް ކަމަށް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވެއްޖެ އެވެ.

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވެ، 4 އަހަރު ގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން އެކަމާ ގުޅުވައިގެން އަމިއްލަ ބްލޮގްގައި ޝަމީމު ގެނެސްދެއްވި ލިޔުމެއްގައި ވިދާޅުވީ އެ ހުކުމުގެ ބޭރުފުށުން ބަލާއިރު، އެއީ ކޮރަޕްޝަނަ ދެކޮޅަށް ކުރިއަށް އެޅުނު ފިޔަވަޅެއް އަދި ކާމިޔާބީއެއް ކަމަށެވެ.

"ނަމަވެސް، މައްސަލައިގެ ފުނަށް ފީނާ، އެ މައްސަލައިގައި ކަން ހިނގައިފައިވާ ގޮތަށް ބެލުމުން ފެންނަނީ އެހެން މަންޒަރެއް،" ޝަމީމު ވިދާޅުވި އެވެ. "[އެއީ] އޭސީސީގެ ނާޤާބިލްކަމާއި ބަރުހެލިކަން."

އޭނަ ވިދާޅުވީ ސަޢީދުގެ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން، އޭސީސީގެ ތަހުގީގިގެ މިސްރާބުގައި ނުކިއްސަރުކަމެއް ހުރިކަން ސާފުވާ ކަމަށެވެ. އަދި މުޅި މައްސަލައިގެ ވަށައިގެންވާ ކަންކަން ބެލުމުގެ ބަދަލުގައި އޭސީސީން ބެލީ އެމްޑީޕީ ވެރިކަމުގައި ހިނގި ބައި ނިންމައި، އެމްޑީޕީ ވެރިކަން ނިމުމުން، އެމައްސަލަ ދައުވާ ކުރަން ފޮނުވުން ކަމަށް ޝަމީމު ވިދާޅުވި އެވެ.

އެމައްސަލައިގައި ހާދިސާ ހިނގައިފައި ވަނީ 2018 ގައި ކަމަށްވާތީ، އޭރު ސައީދަކީ ފެނަކައިގެ އެމްޑީ އަށް ވާތީ މައްސަލަ ބަލާކަށް އޭސީސީއަކުން އުޅެފައި ނުވާކަން މިމައްސަލަ ބެއްލެވި ފަނޑިޔާރު، އުސްތާޒް އާދަމް މުޙައްމަދު، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ކަމަށް ވެސް ވިދާޅުވި އެވެ.

ޝަމީމު ވިދާޅުވީ އެއްވެސް ވެރިކަމެއްގެ ތެރޭގައި، އެ ވެރިކަމެއްގައި ހިނގާ މައްސަލައެއް ނުބެލުމުގެ ސިޔާސަތަކީ، އޭސީސީގެ މި ދައުރުގެ ރައީސް ޚާއްޞަ ސަމާލުކަމެއް ދެއްވާ ސިޔާސަތެއް ކަމަށެވެ. އެގޮތުން ކުރީ ސަރުކާރާ ގުޚޭ ގޮތުން ޢަމަލު ކުރެއްވި ގޮތަށް، މިއަދުގެ ސަރުކާރާ ބެހޭ ގޮތުން ހުށަހެޅޭ މައްސަލަތަކުގައި ވެސް އޭސީސީން ޢަމަލު ކުރަނީ އެ އުސޫލުން ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، މިއީ، އޭސީސީ މަސައްކަތް ކުރަން ޖެހޭ ކަމަށް ޤާނޫނީ ނިޒާމު ތަޞައްވަރުކޮށްފައިވާ ހަމައެއް ނޫން ކަމަށާއި މި ވަގުތު ފެންނަ މަންޒަރަކީ، ކޮރަޕްޝަންގެ މައްސަލަތައް އިތުރަށް ފުޅާވެ ކުރިއަރައިގެން ދަނީ އޭސީސީގެ މަސައްކަތްތައް ބަރުހެލިކަމުންނާއި، ކޮމިޝަންގެ ރައީސްގެ ޚާއްޞަ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ޝަމީމު ވިދާޅުވި އެވެ.

"ނަމަވެސް، އޭސީސީގެ ތަޙްޤީޤެއް ނިންމަން ޖެހޭ މުއްދަތެއް ޤާނޫނަކު ނެތް. އޭސީސީއަށް ހުށަހެޅޭ މައްސަލައެއް އަރަނީ އުޑަށް ކަމެއް، ދަނީ ބިންފަޅައި އަޑިއަށްކަމެއް ނޭނގޭ. އެވެ. މައްސަލަ ނިމޭނެ ދުވަހެއް އެނގޭ އިންސާނަކު ނުހުރޭ. މިގޮތަށް ހުޅުވާލެވިފައި އޮންނަ ނަމަ، ތަފާތު އެކި ސިޔާސަތުތައް ބޭނުންކޮށްގެން، ކޮރަޕްޝަންގެ ޢަމަލުތަކަށް ފަހި މާޙައުލެއް ޤާއިމުކުރުމުގެ ފުރުޞަތު [މިހާރު ވެސް މި އޮތް ގޮތަށް] އޮންނާނެ،" އޭނަ ވިދާޅުވި އެވެ. "ވީމާ، ކޮރަޕްޝަންގެ މައްސަލަތައް އަވަސްކުރަން ކުރަންވީ ކަމަކީ، މައްސަލަ ނިންމަން ޖެހޭ މުއްދަތެއް ޤާނޫނުގައި ލިޔަންވީ، އޭސީސީއަށާއި، ޕީޖީ އޮފީހަށާއި ކޯޓަށް ވެސް. މިއީ، މިހާރުވެސް ފުލުހުން ކާމިޔާބުކަމާއެކު ތަންފީޒުކުރަމުން އަންނަ ނިޒާމެެއް."