Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

އަކްޝޭގެ ފިރިހެން ދަރި ވާނީ ފެޝަން ޑިޒައިނަރަކަށް

ފިރިހެން ދަރިފުޅު އާރަވް ބާޓިއާ ފިލްމީ މަސައްކަތަށް ޝައުގުވެރި ނުވާ ކަމަށާއި އޭނަ ވާން ބޭނުން ވަނީ ފެޝަން ޑިޒައިނަރަަކަށް މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު ބުނެފި އެވެ.

މިހާރު އުމުރުން 23 އަހަރުގެ އާރަވް އަކީ އަކްޝޭ އާއި ކުރީގެ ބަތަލާ ޓްވިންކަލް ކަންނާގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ހަގު ދަރިފުޅަކީ މިހާރު 13 އަހަރުގެ ނިތާރާ ބާޓިއާ އެވެ.

އޭބީޕީ ނިއުސް އަށް ދިން އިންޓަވިއުއެއްގައި އަކްޝޭ ބުނީ ފިލްމު ކުޅުމާއި ފިލްމީ އެހެން އެއްވެސް މަސައްކަތަކަށް އާރަވްގެ އެއްވެސް ޝައުގުވެރި ނެތް ކަމަށެވެ.

"އޭނަ ފިލްމު ކުޅެން ޝައުގުވެރިކަން ނެތް ކަމަށް ބުނީމަ އަހަރެން އެދުނިން އަހަރެންގެ ފިލްމު ކުންފުނި (ކޭޕް އޮފް ގުޑް ފިލްމްސް] އާ ހަވާލުވާން،" އަކްޝޭ ބުންޏެވެ. "އެކަމަކު އެކަމަކަށް ވެސް އާރަވްގެ ޝައުގެއް ނެތް. އަހަރެން ވަރަށް ބޭނުންވި އާރަވް ފިލްމީ މަސައްކަތްތަކަށް ގެންނަމް. އެކަމަކު އޭނަ ވަރަށް ސާފުކޮށް ބުނެފައިވޭ ފިލްމީ އެއްވެސް މަސައްކަތެއް ކުރާކަށް ބޭނުމެއް ނޫނޭ."

ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަކްޝޭ ބުނީ ދަރިފުޅު ފިލްމީ ދާއިރާ އަށް ނުނިކުންނަން ނިންމި ނިންމުމަށް އިހުތިރާމު ކުރާ ކަމަށެވެ. އަދި އެ ނިންމުމާ މެދު ހިތްހަމަޖެހޭ ކަމަށް ވެސް ބުންޏެވެ.

"އާރަވް ބޭނުން ވަނީ ފެޝަން ޑިޒައިނަރަކަށް ވާން. އޭނަ އަންނަނީ އެ ދާއިރާ އިން ކިޔަވަމުން ވެސް މެ." އަކްޝޭ ބުންޏެވެ.

އާރަވް ފެޝަން ޑިޒައިނިން ކިޔަވަމުން އަންނަނީ ލަންޑަންގެ އިންސްޓިޓިއުޓަކުންނެވެ.

އޭނަގެ މަންމަ ޓްވިންކަލް ފިލްމު ކުޅުން ހުއްޓައިލީ 2001 ގައި އަކްޝޭ ކައިވެނި ކުރުމަށް ފަހު އެވެ. ޓްވިންކަލް އަކީ މިހާރު ލިޔުންތެރިއެކެވެ. އޭނަ މިހާތަނަށް ހަތަރު ފޮތެއް ލިޔެ، ނެރެފައިވާ އިރު، އިނގިރޭސިވިލާތުގެ ގޯލްޑްސްމިތު ޔުނިވަސިޓީން މިދިޔަ އަހަރު މާސްޓާ އޮފް އާޓްސް ހާސިލުކޮށްފައިވެ އެވެ.