Last Updated: June 8, 21:45
Monday, June 8, 2026
ދުނިޔެ

އެމިރޭޓްސްގެ ފްލައިޓްތަކުގައި ޕަވަ ބޭންކްސް މަނާކޮށްފި

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމިރޭޓްސްގެ މަތިންދާބޯޓްތަކުގައި ޕަަވަ ބޭންކްސް ބޭނުން ކުރުން އެއްކޮށް މަނާކޮށްފި އެވެ.

ދުނިޔޭގެ އެންމެ މަގުބޫލު އެއްލައުންތަކުގެ ތެރޭގައި ޔޫއޭއީގެ އެމިރޭޓްސް އެއާލައިނުން ބުނީ މާދަމާ އިން ފެށިގެން އެ އެއާލައިންގެ އެއްވެސް ފްލައިޓެއްގައި އެއްވެސް ބާވަތެއްގެ ޕަވަ ބޭންކްސްއެއް ބޭނުން ކުރުން މަނާ ވާނެ ކަމަށެވެ. ނަމަވެސް ޑިވައިސްތައް ޗާޖްކުރުމަށްޓަކައި ބޯޓްތަކުގައި "އިން-ސީޓް ޗާޖިން ޕޯޓް" ހުންނާނެ ކަމަށް އެއާލައިނުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެމިރޭޓްސް އިން ބުނީ އެންމެ ރަނގަޅު ގޮތަކީ ދަތުރަކަށް ފަށާ އިރު، ދުރާލައި ޑިވައިސްތައް ޗާޖްކޮށްލައިގެން ދަތުރަށް ނުކުތުން ކަމަށެވެ. އަދި އެކަމަށް ބާރު އަޅާ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

"ވަކިން ހާއްސަކޮށް ދިގު ދަތުރަކަށް ފަށާ އިރު، ކުރިއާލައި ޑިވައިސްތައް ޗާޖްކޮށްލުމަކީ އެންމެ އެދެވޭ ގޮތް." އެމިރޭޓްސް އިން ބުންޏެވެ.

ދަތުރުމަތީގައި ޕަވަ ބޭންކްސް ބޭނުން ކުރުން އެ އެއާލައިނުން މަނާކުރި ނަމަވެސް ޕަސެންޖަރުންނަށް 100 ވޮޓް-އަވާސް އަށް ވުރެ ދަށް ޕަވަ ބޭންކްސްއެއް ގެންގުޅެވިދާނެ އެވެ. އަދި އެ ބަހައްޓަން ޖެހޭނީ ސީޓް ޕޮކެޓް ތެރޭގައި ނުވަތަ ސީޓްގެ ދަށުގަ އެވެ.