މެއި މަހުގެ ތެރޭގައި ފުވައްމުލަކުގައި ހުންނަ ޔޫރޯ ސްޓޯރު ފަޅާލައިގެން ވައްކަންކުރި މީހަކު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށަށް 27 ދުވަހަށް، މުދަލަށް ގެއްލުން ދިނުމުގެ ކުށުގައި އެއް މަހާއި 24 ދުވަހަށް އަދި ވައްކަން ކުރުމުގެ ކުށުގައި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރީ ފުވައްމުލައް އުޑުވިލާގޭ އަހްމަދުގެ މައްޗަށެވެ.
އޭނަގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރި އެވެ.
އެއީ ތަނުގެ ވެރިފަރާތުގެ ހުއްދައަކާ ނުލައި ޔޫރޯސްޓޯރަށް ވަދެފައިވާތީ، ކުރި އެނގި ހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އާއި، ޔޫރޯ ސްޓޯރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާތީ، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އާއި، ބިއްލޫރިގަނޑު ތަޅާލުމަށް ފަހު އެެ ފިހާރައިގެ ގުދަނަށް ވަދެ ސިނގިރޭޓް ކޭސްތަކަކާއި ސިނގިރޭޓް ކާޓޫނުތަކަކާއި ފޯނެއް ވަގަށް ނަގާފައިވާތީ، ކުރި ވައްކަމުގެ ދައުވާ އެވެ.
ފުވައްމުލަކު ޔޫރޯ ސްޓޯރް ފަޅާލި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މެއި މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު ހެނދުނު 06:40 ހާއިރު އެވެ.