ފުލުހުންގެ އިންސްޕެކްޓަ ކޯހުގެ ފަސް ވަނަ ބުރު ފަށައިފިއެ ވެ.
މި ކޯސް ކުރިއަށް ގެންދަނީ އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖްގަ އެވެ. އަށް ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ ކޯސް އާދީއްތަ ފެށި އިރު މީގައި ބައިވެރި ފިރިހެން 30 ފުލުހުންނެވެ.
އިންސްޕެކްޓަ ކޯހަކީފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ކޯހެކެވެ.
މި ކޯހުގައި ފުލުހުންގެ ގާނޫނާއި ފުލުހުންނާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާއި، ޑިވެލޮޕިން ލީޑަޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސް، ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑީޒް، ޕޮލިސިން އެންޑް އިންވެސްޓިގޭޝަން ސްޓަޑީޒް ފަދަ މޮޑިއުލްތައް ކިޔަވައި ދޭނެ އެވެ.
މި ކޯހުގެ ސަބަބުން، މުވައްޒަފުންގެ އިލްމާއި ހުނަރު އިތުރަށް ތަރައްގީވެ ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައި ޕްރޮފެޝަނަލްކަމާ އެކު މަސައްކަތް ކުރާނެ ފުލުހުންތަކެއް ތައްޔާރު ކުރެވިގެން ދާނެ ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ.