Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

ޤުރުއާން މުބާރާތުން 1 ވަނަ ބައިވެރިންނަށް ސްކޮލަޝިޕް

މި އަހަރުގެ ގައުމީ ޤުރުއާން މުބާރާތުގައި ބައިވެރިޔަކު ކިޔަވަނީ.

ގައުމީ ޤުރުއާން މުބާރާތުގައި ވާދަކޮށް އެއް ވަނަ ހޯދާ ފަރާތްތަކަށް ފީއެޗްޑީއާ ހަމައަށް ކިޔަވަން ސްކޮލަޝިޕް ދޭން ނިންމައިފި އެވެ.

މިކަން އިިއުލާން ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މި އަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ އާއި ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމަޔަށް އެފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމު ޙާސިލް ކުރުމަށް ސްކޮލަޝިޕް ދޭން ނިންމާފައިވާ ކަމަށެވެ.

ރައީސް ކުރިން ވަނީ ‏ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެ ކަމަށް މިދިޔަ އަހަރު ބޭއްވި 36 ވަނަ މުބާރާތުގެ ޖަލްސާގައި އިއުލާން ކުރައްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ އެންމެ ބޮޑު ހިތްވަރެއް ދޭން ޖެހޭނީ، އަދި އެންމެ ބޮޑު އިނާމްތަކެއް ވެސް ދެވެން ވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ މުބާރާތުގެ ގޮފިތަކުން އެއް ވަނަ ހީދާ ބައިވެރްނަށް ސްކޮލަޝިޕް ދިނުމުގެ އިތުރަށް މުބާރާުގައި މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމެއްގެ ގޮތުގައި 100،000ރ. އާއި ޝަރަފުގެ ފިލައެއް ވެސް ދޭނެ ކަމަށެވެ.

"މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީ އިން ދޭ އިނާމުތައް ވެސް ކުރިޔަށް ވުރެ ގިނަވެފައި އަގުބޮޑު ވާނެ. އަދި އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުޞަ ތުވެސް އިތުރަށް ފަހިވާނެ." ރައީސް ވިދާޅުވި އެވެ.

ތިރީސް ހަތް ވަނަ ގައުމީ ޤުރުއާން މުބާރާތް މި މަހުގެ 18-26 އަށް ވަނީ ބާއްވައިފަ އެވެ. މުބާރާތުގެ ނަތީޖާ ފާޅު ކުރުން އޮންނާނީ އަންނަ މަހުގެ 11 ގަ އެވެ.

މި އަހަރުގެ މުބާރާތުގައި 1،023 ބައިވެރިން ކިޔަވާފައިވެ އެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން 582 ބައިވެރިންނާއި ނުބަލައި ކިޔެވުމުގެ ގޮފިން 412 ބައިވެރިންނާއި ހާފިޒުންގެ ބައިގައި ކިޔެވި 29 ބައިވެރިންނެވެ.

ގައުމީ ޤުރުއާން މުބާރާތް ބާއްވަމުން އަންނަނީ 1981 އިން ފެށިގެންނެވެ.