Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޝަންގްރިއްލާ ރިސޯޓް ހުޅުވަން ތައްޔާރުވާން ފަށަައިފި

ބަންދުކޮށްފައި އޮންނަތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އައްޑޫ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ މި އަހަރުގެ ކުރިން ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ތެރޭގައި ހިމެނޭ ޝަންގްރިއްލާ ރިސޯޓް ބަންދުކުރީ ކޮވިޑްގެ ވަބާގެ ތެރޭގައި 2020 ގެ މާޗް މަހުގެ ތެރޭގަ އެވެ. އެވެ. މި ރިސޯޓް އަލުން ހުޅުވާނެ ކަމަށް ކުރީގެ ސަރުކާރު ނިމުމުގެ ކުރިން ވެސް އެތައް ވައުދެއްވެފައިވާ އިރު، މި ސަރުކާރުން އެތައް ފަހަރެއްގެ މަތިން ޝަންގްރިއްލާ ރިސޯޓް ހުޅުވުމުގެ ވާހަކަތައް އެކިއެކި ޕްލެޓްފޯމްތަކުގައި މިހާތަނަށް ދައްކާފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޑިސެމްބަރު މަހުގެ 31 ގެ ކުރިން ރިސޯޓް ހުޅުވަން އަމާޒު ހިފާފައިވާ ކަމަށާއި އެކަމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ. މިނިސްޓްރީން ބުނީ ގޮތުގައި އެތަނުގައި މިހާރު އަންނަނީ ރިސޯޓް އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ.

އެގޮތުން ރިސޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުން ފަދަ ކަންކަން ވެސް ކުރިއަށް ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ގަން އެއާޕޯޓުން ލޯންޗްގައި ފަސްވަރަކަށް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ޝަންގްރިއްލާ ވިލިގިލި ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. ދެހާސް އަށެއްގައި ހުޅުވި ރިސޯޓްގައި 60 ވޯޓަރ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާގެ އިތުރުން ދެ ޕްރެޒިޑެންޝަން ވިލާ ވެސް ހުރެ އެވެ.

ޝަންގްރިއްލާ ރިސޯޓަކީ ގޮލްފް ކޯހެއް ވެސް އޮންނަ ރިސޯޓެކެވެ.

އައްޑޫގައި މިހާރު އޮޕަރޭޓް ކުރަމުން އަންނަ ރިސޯޓްތަކަކީ ކެނަރީފް ރިސޯޓާއި ސައުތު ޕާމް ރިސޯޓްގެ އިތުރުން ގަމުގެ އީކްއޭޓާ ވިލެޖެވެ.

އައްޑޫގެ ވަރަށް ގިނަ ބަޔަކު ވަޒީފާ އަދާކުރަމުން ދިޔަ ޝަންގްރިއްލާ ވިލިގިލި ރިސޯޓް ނުހުޅުވި ދިގުލައިގެން ގޮސްފައިވުމަކީ އައްޑޫގެ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.