އެމެރިކާގެ މަޝްހޫރު ބަތަލާ ނިކޯލް ކިޑްމަންގެ ދެވަނަ ކައިވެނި ވެސް ރޫޅިއްޖެ އެވެ.
މީޑިއާތަކުން ބުނީ ކިޑްމަން 58، އާއި މިއުޒިޝަން ކީތު އާބަންގެ 57، ކައިވެނި ނިމުމަކަށް އައީ މީގެ މަހެއްހާ ދުވަސް ކުރިން ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން އެ ދެ މީހުން ވެސް ރަސްމީކޮށް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެެއް ނުވެ އެވެ.
ނިއުޒީލޭންޑަން އުފަން ކީތުއާ ކިޑްމަން ކައިވެނިކުރީ 2006 ގަ އެވެ. އެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ. ކިޑްމަންގެ ޖުމްލަ ހަތަރު ކުދިން އެބަތިއްބެވެ. އެއީ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒްގެ ކައިވެންޏަށް ލިބުނު ދެ ދަރިންނާ އެކީގަ އެވެ. ކިޑްމަބް އާއި ކްރޫޒް 1990 ގައި ކުރި ކައިވެނި ރޫޅައިލީ 2001 ގަ އެވެ.
ހޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ތަރިންގެ ތެރޭގައި ހިމެނޭ ކިޑްމަން އޮސްކާ އާއި ގޯލްޑެން ގްލޯބް އެވޯޑް ވެސް ހާސިލުކޮށްފައިވާ ތަރިއެކެވެ. މަގުބޫލު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މާޗްގައި ގެނެސްދިން ސައިކޮލޮޖިކަލް ތުރިލާ "ހޮލޭންޑް" އެވެ.