އަންނަ ހުކުރު ދުވަހު އެމްޑީޕީން މާލޭގައި ބާއްވާ މުޒާހަރާގައި ހުރިހާ ރައްޔިތުން ބައިވެރިވާން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އަންނަ ހުކުރު ދުވަހު އެމްޑީޕީން "ލޫޓުވައިފި"ގެ ނަމުގައި ބާއްވާ މުޒާހަރާ އަކީ ވަކި ޕާޓީއެއްގެ ކަމެއްގެ ގޮތުގައި ދެކެން ނުޖެހޭ ކަމަށާއި އެއީ ކޮރަޕްޝަނާއި ދެކޮޅު ހުރިހާ އެންމެން ބައިވެރިވުން ރަނގަޅު މުޒާހަރާއެއް ކަމަށެވެ.
"އޮކްޓޯބަރު 3، ގެ މުޒާހަރާ އަކީ ވަކި ޕާޓީއެއްގެ ކަމެއްގެ ގޮތުގައި ދެކޭކަށް ނުޖެހޭ. އެއީ ކޮރަޕްޝަނާއި ދެކޮޅު ހުރިހާ އެންމެން ބައިވެރިވުން ރަނގަޅު މުޒާހަރާއެއް،" ނަޝީދު އެކްސްގައި ލިޔުއްވާފައިވެ އެވެ.
ހުކުރު ދުވަހުގެ މުޒާހަރާއަށް އެމްޑީޕީން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން މި މުޒާހަރާއަށް ރާއްޖޭގެ އެކި ރަށްތަކުން ވެސް މީހުން ގެންނަން ހަމަޖެހިފައިވެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ ހުކުރު ދުވަހު ރައްޔިތުން ނިކުމެ މާލޭގެ މަގުތައް ފުރާލާނެ ކަމަށް ވިދާޅުވެފަ އެވެ.