މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރުންގެ މަގާމުތަކަށް މިއަދު ހުޅުވާލައިފި އެވެ.
އަލަށް އަމަލު ކުރަން ފެށި ގާނޫނުގެ ދަށުން އެކުލަވައިލުމަށް ހަމަޖެހިފައިވާ ހަތް މެންބަރުންގެ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށްގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮމިޝަނަށް މަޖިލީހުގެ ކަނޑައަޅާ ތިން މެންބަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޮކްޓޫބަރުމަހުގެ 12 ވަނަ ދވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މަގާމުގެ ޝަރުތުތައް:
– ދިވެހި ރައްޔިތަކަށްވުން
– އުމުރުން 30 އަހަރު ވެފައިވުން
– ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހާސިލްކޮށްފައިވުން
– މީޑިއާގެ މަސްއޫލުވެރި ފަރާތެއްކަމުގައި ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކުކަމުގައި ނުވުން
– ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަން ކުރެވޭ މަގާމެއް ފުރަމުންދާ މީހަކަށް ނުވުން
– ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން
– އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް ނުވުން
– މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެކުށް ސާބިތުވެފައިވާ މީހަކަށް ނުވުން
– ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ނުވުން
– ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް ނުވުން
– ކޮމިއުނިކޭޝަން މީޑިއާގެ ހިދުމަތް ދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހަކަށް ނުވުން
އިއުލާންގައި ވަނީ، މެންބަރުކަަމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި އިގްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި ވަނަވަރާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަންނަ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް އެދިފަ އެވެ.