މި އަހަރު ނިމުމުގެ ކުރިން އައްޑޫގެ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަލުން އޮޕަރޭޝަނަށް ގެންނާނެ ކަމަށް ސަރުކާރުން މިއަދު އިއުލާން ކުރުމަކީ އައްޑޫގެ ރައްޔިތުން ކުރަމުން އައި ދިގު އިންތިޒާރަށް އުފާވެރި ނިމުމެެއް ގެނުވައި ދިން ކަމެއް ކަމަށް ފޭދޫ އުތުރު ދާއިރާގެ ޕީއެންސީގެ މަޖިލިސް މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެ އެވެ.
ފޭސްބުކް ޕޯސްޓެއްގައި އޭނަ ވިދާޅުވީ ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވަން ތައްޔާރުވުމަކީ މި ސަރުކާރުން ވަކިން، ހާއްސަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ވަރަށް އިސްކަމައް ދެއްވައިގެން ކުރައްވަމުން ގެންދެވި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"އެ ރިސޯޓު ހުޅުވަން ކުރަން ޖެހޭ މަސައްކަތް ޝަންގްރިލާގެ ފަރާތުން ވަރަށް ބާރާށް ކުރިއަށް ގެންދަން ކުރަން ޖެހޭ ހުރިހާ މަސައްކަތްތައް އެ ތަނުގެ ފަރާތުން ކުރިއަށް ކުރިއަށްދާ ކަމަށް ރިސޯޓުގެ ފަރާތުން މަޢުލޫމާތު ލިބިފައިވޭ." ނިޒާރު ވިދާޅުވި އެވެ.
މި އަހަރުގެ ޑިސެމްބަރު 31 ގެ ކުރިން ޝަންގްރިއްލާ ވިލިގިލި ރިސޯޓް ހުޅުވަން ނިންމާފައިވާކަން މިއަދު އިއުލާންކުރީ ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގަ އެވެ.
ރާއްޖޭގެ އެންމެ މަތީ ފަންތީގެ ތެރޭގައި ހިމެނޭ ޝަންގްރިއްލާ ރިސޯޓް ބަންދުކުރީ ކޮވިޑްގެ ވަބާގެ ތެރޭގައި 2020 ގެ މާޗް މަހުގެ ތެރޭގަ އެވެ. އެތަން ބަންދުކޮށްފައި އޮންނަތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާތީ މިއީ އައްޑޫގެ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޑިސެމްބަރު މަހުގެ 31 ގެ ކުރިން ރިސޯޓް ހުޅުވަން އަމާޒު ހިފާފައިވާ ކަމަށާއި އެކަމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ. މިނިސްޓްރީން ބުނީ ގޮތުގައި އެތަނުގައި މިހާރު އަންނަނީ ރިސޯޓް އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
ގަން އެއާޕޯޓުން ލޯންޗްގައި ފަސްވަރަކަށް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ޝަންގްރިއްލާ ވިލިގިލި ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. ދެހާސް އަށެއްގައި ހުޅުވި ރިސޯޓްގައި 60 ވޯޓަރ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާގެ އިތުރުން ދެ ޕްރެޒިޑެންޝަން ވިލާ ވެސް ހުރެ އެވެ.
ޝަންގްރިއްލާ ރިސޯޓްގައި ގޮލްފް ކޯހެއް ވެސް އޮވެ އެވެ.